25 Oct 2010, 11:11
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ބޭނުންވެގެން ފިނޭންސް މިނިސްޓްރީން ހޯދަން އެދުނު 17 ކަމެއްގެ މާލީ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީ އަށް ހިއްސާ ކޮށްފައި ނުވާ ކަމަށް މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމު ވިދާޅުވީ ދައުލަތުގެ މާލީ މެޝިނަރީ ހިނގަމުންދާ ގޮތް ބެލުމަށް މާލީ 17 ކަމެއް ފާހަގަކޮށް 17 ސިޓީއެއް ފޮނުވަން ކޮމެޓީން އަމުރު ކުރުމުން އިއްޔެގެ މެންދުރު 2:00 ޖެހި އިރު ވަގުތު ފާއިތުވީއިރު ވެސް އަކަމަށް އިޖާބީދީ މައުލުމާތުތައް ދީފައި ނުވާ ކަމަށެވެ.
ސަންއެފްއެމް އޮންލައިނަށް އިންޓަވިއު ދެއްވަމުން ނާޒިމް ވިދާޅުވީ ދައުލަތުގެ މާލީ މެޝިނަރީ ހިނގާ ނުހިނގާ ގޮތް ބެލުމަކީ މާލިއްޔަތު ކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށާއި ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ކެބިޓަލް އިންވެސްޓްމަންޓަށް ހަރަދު ކުރަން މި އަހަރުގެ ބަޖެޓްގައި ކަނޑައެޅި 300 މިލިޔަން ރުފިޔާގެ ތަފުސީލާއި ސަބްސިޑީތަކުގެ ތަފުސީލު ވެސް ހިމެނޭނެ ކަމަށެވެ.
"ދިނިއްޔާ ދިންކަން ނުދެންޏާ ނުދޭކަން ކޮމެޓީއަށް އެނގެން ޖެހޭ. ދައުލަތުގެ ކެޕިޓަލް ހިނގާ ގޮތް ބެލުމަކީ މި ކޮމެޓީން ކުރަންޖެހޭ ކަމެއް. އަޅުގަނޑަކަށް ނޭނގޭ އެބޭފުޅުން އެ މައުލޫމާތުތައް ހިއްސާ ނުކުރެއްވީ ކީއްވެގެން ކަމެއް،" ނާޒިމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޖީއެމްއާރް ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެގެރިމެންޓާއި ތިމަރަފުށީ އެއާޕޯޓް އެގެރިމެންޓް ކޮމެޓީއަށް ހުށަހެޅުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
"މިކަމާ މެދު ދެން ގޮތެއް ނިންމާނީ ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު،" ނާޒިމް ވިދާޅުވި އެވެ. މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް މި މައްސަލައާ ގުޅިގެން މާދަމާ ބާއްވަން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ.
ކޮމެޓީން ފިނޭންސަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން އެ މައުލޫމާތުތައް ހޯދަން ފިނޭންސް މިނިސްޓަރު އަލީ ހާޝިމަށް އަންގަން ނިންމައި އެންގީ ކަމަށެވެ.