13 May 2013, 20:57
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ބައިވެރިވެގެން ހިންގާ މީރާ ކުލަބުން ރާއްޖޭގެ ތެލެސީމިޔާ ކުދީންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
ނޭޝަނަލް ބްލަޑް ސާވިސަސްއާ ތެލެސީމިޔާ ސޮސައިޓީގެ އެހީތެރި ކަމާއި އެކު މިއަދު ހަވީރު 4:30ން ފެށިގެން މިރޭ 8:30ގެ ނިޔަލަށް ނެޝަނަލް ތެލެސީމިޔާ ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ އިވެންޓުގައި މީރާގެ މުވައްޒަފުންގެ ތެރެއިން ދެ ޖިންސުގެ މުވައްޒަފުން ވެސް ބައިވެރި ވެފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީރާ ކްލަބްގެ ރައީސް އަހުމަދު ސޮލާހު "ސަން"އާ ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތެލެސީމިޔާ ކުދީންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ. އަދި ތެލެސީމިޔާ ކުދީންގެ އިތުރުން ވެސް ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހޯދައި ދިނުމުގެ މަސައްކަތް އެ ކްލަބުން ކުރާނެ ކަމަށެވެ.
"ތެލެސީމިޔާ ދުވަހާއި ގުޅުވައިގެން އަޅުގަނޑުމެން މި ފެށި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް ބާއްވާނަން. މިއީ އަދި ފެށުމެއް،" ސޮލާހު ވިދާޅުވި އެވެ.
ސޮލާހު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ކުޑަ ކުދިންގެ ހިޔާއަށް އެހީވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި އަދި ސޯޝަލް އެކިއެކި ހަރަކާތް ތަކުގައި ވެސް އެ ކްލަބުން ބައިވެރިވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.