ރާއްޖޭގެ 17 ސްކޫލެއްގައި މިއަހަރު އަލަށް އޭލެވެލް ކިޔަވައިދޭން ފަަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަޕާން ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހަދިޔާ ކޮށްފައިވާ ތަކެތި ސްކޫލްތަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އާސިމް ވިދާޅުވީ މިއަހަރު މާލޭގެ ދެ ސްކޫލެއްގައްޔާއި އަތޮޅު ތަކުގެ 15 ސްކޫލެއްގައި އަލަށް އޭލެވެލް ކިޔަވައި ދޭން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަހަރު ރާއްޖޭގެ 17 ސްކޫލެއްގައި އަލަށް އޭލެވެލް ކިޔަވައިދޭން ފަށާނަން. އެގޮތުން މާލޭގެ ދެ ސްކޫލެއްގައި އަދި އަތޮޅުތަކުގެ 15 ސްކޫލެއްގައި މިއަހަރު އަލަށް އޭލެވެލް ކިޔަވއިދޭން ފަށާނެ،" މިނިސްޓަރު އާސިމް ވިދާޅުވި އެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 120 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ސްކޫލް ތަކުގެ ޖާގައިގެ ދަތިކަން ހުރި ގޮތުން މިއަހަރު ތެރޭ އިތުރު ސްކޫލް ތަކެއް އެއް ދަންފަޅިއެއް ބަދަލް ކުރެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލެއާއި ރާއްޖޭގެ ސްކޫލް ތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި ހުޅުމާލޭގައި 1200 ކުދިންގެ ޖާގައިގެ ސްކޫލެއް އިމާރާތް ކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލުގެ ހުރިހައި ހަރަދެއް ވެސް ކުރާނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަންގެ ފަރާތުން ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލޭގައި އިތުރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ހައުސިން މިނިސްޓްރީ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޖަޕާން ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ހަދިޔާ ކުރި ތަކެތި މިއަދު ވަނީ ސްކޫލްތަކާއި ހަވާލު ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސްކޫލަކަށް މަލްޓިމީޑިއާ ޕްރޮޖެކްޓަރާއި ފަސްޓްއިޑް ސާމާނު ތަކެވެ.