ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ އެކު ކޯލިޝަން ހެދުމަށް ޕާޓީތަކުން ނިންމީ ހަމައެކަނި އިންތިހާބެއް ކާމިޔާބު ކުރުމަށް ނޫން ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުން ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ގައުމީ ޕާޓީ އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް ވަހީދު ނިސްބަތްވެވަޑައިގެންނަވާ ގައުމީ އިއްތިހާދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދެމެދު ދެން އޮތީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށާއި ކުރިއަށް ގާތްގަނޑަކަށް 15 ވަރަކަށް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތައް ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެންމެން އެކީގައި ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެންމެން އެކީގައި މަސައްކަތް ކުރުމަށް ނިންމެވީތީ ޕާޓީތަކުގެ އިސް ބޭފުޅުންނަށާއި ލީޑަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.

"ކޯލިޝަންގެ މަގުސަދަކީ އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުން. ހުރިހާ ޕާޓީތަކާ އެކީގައި މަސައްކަތްކޮށް ގައުމު ހަރުދަނާ ސަލާމަތް މަންޒިލަކާ ހަމައަށް ގެންދިއުން. މަގުސަދަކީ ހަމައެކަނި އިންތިހާބު ކާމިޔާބު ކުރުމެއް ނޫން. އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ އެދުމަކަށް ވާނީ ގައުމު ސަލާމަތް ކަން މަތީގައި ދެމިި އޮތުމާއި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އާއިލާތައް ހަރުހަދަނާ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން. އެހެންވެ އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި އެ މަގުސަދުގައި އެންމެން އެކީގައި މަސައްކަތް ކުރުމަށް ނިންމެވީ. އެ މަގުސަދުގައި އަޅުގަނޑު ވެސް ތިޔަބޭފުޅުންނާ އެކު މަސައްކަތް ކުރުމަށް މިނިންމީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެންމެން މިނިންމި ނިންމުމުގެ ސަަބަބުން އަޅުގަނޑުމެންގެ ގައުމަށް ވަރަށް ބޮޑަތި ފައިދާތަކެއް ލިބިގެންދާނެ، އަދި ކާމިޔާބު ލިބޭނެ ކަމަށް ވެސް އަޅުގަނޑު ޔަގީން ކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯލިޝަނަކާ ހަމައަށް އައުމަށް ކުރިން ގިނަ ބޭފުޅުންތަކެއްގެ ބުރަ މަސައްކަތްތަކެއް ހިމެނޭ ކަމަށެވެ. އަދި ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ ވާހަކަަތަކެއް ދެކެވިފައިވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހު އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާ ދެ ބޭފުޅުން ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިިކުފާނުގެ ޓީމަށް ކިޔާނެ ރީތި ނަމަކާއި ލޯގޯއެއް ހޯދުމަށް ފަހު އެ ޓީމް ބްރޭޑް ނަމަކަށް ހަދަން ޖެހޭ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ކޯލިޝަން ޓީމުގެ އުއްމީދުތަކަށް އެއްވެސް "ޑިސަޕޮއިންޓްމަންޓެއް" ނުދެއްވައި އެބޭފުޅުންނާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަހީދު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ދެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި. އަޅުގަނޑުމެން ބްރޭންޑްވާން އެބަޖެހޭ، ކުރިން ސަރުކާރުގައި ވިގޮތަަށް ރައީސަކަށް ހުންނަވާ ބޭފުޅަކީ ވަކި ޕާޓީއެއްގެ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑާއި އަޅުގަނޑުގެ ރަނިންގް މޭޓަކީ ހުރިހާ ބޭފުޅުންގެ މީހަކަށް ހުރިހާ ޕާޓީއަކާ އެކީގައި މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.