މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ގއ. ނިލަންދޫގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ނިލަންދޫން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން އެ ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މާރާމާރީގައި އެއަތޮޅު ކަނޑުހުޅުދޫ ބޮކިވިލާގޭ ހަމްދޫން ގާސިމް،22، އަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލްގައި ގެންދަނީ އޭނާ އަށް ފަރުވާ ދެމުންނެވެ.

ގއ. ނިލަންދޫ ކައުންސިލް މެންބަރު އާސިފް މުހައްމަދު ވިދާޅުވީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 9:00 ގައި އެ މާރާމާރީ ހިނގުމާ ގުޅިގެން ވަގުތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރި ކަމަށާއި ނަމަވެސް ފުލުހުންނަށް އެރަށަށް ދެވުނީ ދަންވަރު 1:30 އެހައިކަންހާއިރު ކަމަށެވެ.

އެރަށާއި އެންމެ ކައިރިން ފުލުހުންގެ މަރުކަޒެއް ހުންނަނީ އެއަތޮޅު ދާންދޫގައި ކަމަށާއި ދާންދޫން ފުރައިގެން އެރަށަށް 10 މިނެޓުތެރޭ ދެވޭއިރު އެހާލަހުން ފުލުހުން އެރަށް ދިޔުމަކީ އެ މައްސަލަ ތަހުގީގު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.