13 May 2013, 18:01
ދިރާގުގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އިތުރު ހިދުމަތްތަކަކާ އެކު ދިރާގުގެ އޮންލައިން ހިދުމަތްތައް މޯބައިލްފޯނުން ބޭނުން ކުރެވޭގޮތަށް ފަރުމާކޮށް މިއަދު ތައާރަފް ކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މޯބައިލް ފޯނަށް ފަރުމާކޮށްގެން މިއަދު އެކުންފުނިން ތައާރަފު ކުރި ވެބްސައިޓުން އެކުންފުނީގެ އޮންލައިން ވެބްސައިޓުގައި މިހާރު ވެސް ބޭނުން ކުރެވޭ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ.
"ދިރާގުގެ އޮންލައިން ސާވިސް އަދި ދިރާގު ވެބްސައިޓުގެ އޮންލައިން ވާޝަންއެއް މިއަދު އަޅުގަނޑުމެން މިތައާރަފްކުރީ. އެހެންވީމާ މިހާރު މޮބައިލް މެދުވެރިކޮށް، ދިރާގުގެ ވެބްސައިޓުގެ ހުރިހާ ފީޗާސްތަކެއް ބޭނުން ކުރެއްވޭނެ އަދި ހުރިހާ މައުލޫމާތުތަކަކަށް އެކްސަސް ކުރެއްވޭނެ. އަދި ހަމަ އެހެންމެ މިހާރު މޮބައިލް ބޭނުން ކޮށްގެން ބިލްތަކަށް ފައިސާ ވެސް ދެއްކޭނެ. މޯބައިލް ފޯނު ބޭނުންކޮށްގެން ބިލް ބައްލަވައި ލެއްވޭނެ އަދި ދިރާގުގެ އޮންލައިން ސާވިސްގެ ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާ އެކު މޮބައިލް މެދުވެރިކޮށް ބައްލަވައި ލެވޭނެ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ކަސްޓަމާ ސާވިސަސް، އަޒުލީމް ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު މޮބައިލް އޮންލައިން ޕޯޓަލްގެ އެހީގައި މިހާރު ދިރާގުގެ ފިކްސްޑް ލައިން އަދި އޭޑީއެސްއެލް ކަންޓަމަރުންނަށް ހިދުމަތްތަކަށް ދިމާވާ މައްސަލަތައް ފަސޭހަކަމާ އެކު ރިޕޯޓު ކުރެވޭނޭ ކަމަށާއި އަދި އެ ރިޕޯޓުކުރި މައްސަލަ ކުރިއަށް ގޮސްފައިވާ މިންވަރު ވެސް ބަލައިލެވޭނޭ ކަމަށެވެ.
"އޮންލައިންކޮށް މިހާރު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯލްޓް ރިޕޯޓު ކުރެވޭނެ. އެއީ އޭޑީއެސްއެލް އަދި ދިރާގު ފިކްސްޑް ލައިން ކަސްޓަމަރުންނަށް. އަދި ހަމަ އެއާ އެކު ފޯލްޓް ޓްރެކްވެސް ކުރެވޭނެ. އަބަދުވެސް ކިހާ ހިސާބަކަށްތޯ މިހާރު ފޯލްޓް ގޮސްފައި އިނީ އަދި އޭގެ ސްޓޭޓަސް ބަލައިލެވޭނެ ކޮންމެ ވަގުތަކު ވެސް،" އަޒުލީން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިރާގުންދޭ ފްރީ ނަންބަރު އެޑް ކުރުމުގެ ހިދުމަތާއި "ފްރެންޑްސް އެންޑް ފެމެލީ" (އެފްއެންއެފް) ހިދުމަތް ވެސް މިހާރު ކުރިއަށް ވުރެ ބޮޑުތަން ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ލިބިގަނެވޭނޭ ކަމަށެވެ.
"މިހާރު ވެސް އެފްއެންއެފް ކަސްޓަމަރުންނަށް އެކި ގޮތްގޮތުން އެޑްކޮށް ރިމޫވްކޮށް އެބަހެދޭ. އެއީ އަޅުގަނޑުމެންނަށް ވަރަށް ގިނަ ކުރިއެރުންތައް ވެސް ކަސްޓަމަރުންގެ ފަރާތުން އަންނަ ކަމެއް. ކިހިނެތްތޯ އެޑްކޮށް ޑިލީޓުކޮށް ހަދާނީ. ދެން އޮންލައިންކޮށް އަޅުގަނޑުމެން އެފްއެންއެފް އެޑްކުރުމާއި ޑިލީޓުކުރުން އެނޭބަލް ކުރުމުން ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އަދި ހަމަ އެއާ އެކު ކޮން ނަންބަރެއްތޯ އެޑްކުރެވިފައި އިނީ އަދި ކޮން ދުވަހަކުންތޯ އެ ނަންބަރު އެކްސްޕަޔާ ވަނީ، މިހުރިހައި ޑީޓެއިލްސްއެއް އޮންލައިންކޮށް މިހާރު ބައްލަވައި ލެއްވެވޭނެ. އެހެންވިމާ މީގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ވެގެން ދާނޭ ކަމަށް އަޅުގަނޑުމެން މި އުއްމީދު ކުރަނީ،" އަޒުލީމް ވިދާޅުވި އެވެ.
ދިރާގުންދޭ އެކިއެކި ހިދުމަތްތަކަށް މައްސަލަ ދިމާވުން އެކުންފުނީގެ ކަސްޓަމަރުން އެންމެ ގިނައިން ގުޅުއްވާ ނަމްބަރަކަށް 123 ވާނެ އެވެ. އަޒުލީން ވިދާޅުވީ އެގޮތަށް މައްސަލަ ދިމާވާ ކޮންމެ ފަހަރަކު 123 އަށް ގުޅުއްވުމުގެ ބަދަލުގައި މިހާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މައްސަލައެއް ރިޕޯޓު ކުރެއްވުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބުމަށް ފަސޭހަވެ އަދި ދިރާގަށް އެ ހިދުމަތް ދިނުމުގައި ވެސް ފަސޭހަވާނޭ ކަމަށެވެ.
ދިރާގުން އަލަށް ތައާރަފް ކުރި މޮބައިލް އޮންލައިން ޕޯޓަލްގެ ހިދުމަތް ހޯއްދެވުމަށްޓަކައި ދިރާގު "މައި އެކައުންޓު" ސާވިސްގައި ރެޖިސްޓްރީވެ ވަޑައިގަންނަވަން ޖެހޭނެ އެވެ. ދިރާގުން ބުނީ ކުރިއަށް އޮތްތާނގައި އެކުންފުނީގެ އިތުރު ހިދުމަތްތައް ވެސް އޮންލައިން ޕޯޓަލް ބޭނުން ކޮށްގެން ލިބޭނޭ ގޮތަށް ފަރުމާ ކުރާނޭ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ދިރާގު އޮންލައިން ޕޯޓަލްގެ މޯބައިލް އެޕްލިކޭޝަން ވެސް އެޕަލް އެޕްސްޓޯރުންނާއި ގޫގަލް ޕްލޭއިން ޑައުންލޯޑް ކުރަން ލިބޭނޭ މަގު ތަނަވަސް ކޮށްދޭނޭ ކަމަށެވެ.