މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި ގދ. ފިޔޯރީގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ރަށުގެ އެކި ސަރަހައްދުތަކުން ގަސްތަކާއި ރުއްތައް ގިނަ އަދަދަކަށް ވެއްޓި ދަނޑުތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު އެރަށަށް ކުރި ގަދަ ވިއްސާރައިގައި ބައެއް ގެތަކުގެ ފުރާޅު އެއްލާލުމުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުން ބަނބުކެޔޮގަސްތަކާއި ފަތްކެޔޮގަސްތަކާއި ގިނަ އަދަދެއްގެ ރުއްތައް ވެއްޓިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެއިތުރުން ރަމަޟާން ތައްޔާރުވުމުގެ ގޮތުން އެރަށު ރައްޔިތުން ހައްދާފައިވާ އޮޅުއަލަ ދަނޑުތައް ހަލާކުވެފައިވާ ކަމަށެވެ.

ރަށުގެ އެކި ހިސާބުތަކާއި އޮޅުއަލަ ދަނޑުތަކުގައި ފެންބޮޑުވެފައިވާތީ ފެންހިއްކުމުގެ މަސައްކަތުގައި ސިފައިން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެފަދަ ގެއްލުންތަކާ ކުރިމަތިލާންޖެހޭތީ އެކަން ހައްލު ކުރުމަށްޓަކައި 2009 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިއެކި ޓީމްތައް އެރަށަށް ގޮސް އޮޅުއަލަ ދަނޑުތަކުން ފެންހިއްކާނެ ނިޒާމެއް ގާއިމްކުރުމުގެ ސާވޭތައް ހަދާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެފަދަ ނިޒާމެއް ގާއިމް ކޮށްފައި ނުވާތީ ރައްޔިތުންނާއި ކައުންސިލުން އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.