13 May 2013, 17:24
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ހަޔާތުގައި ނުލިބޭ ފަދަ ފުރުސަތަކާ އެކު ނަސީބުވެރި ކުއްޖަކު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލައޮނެލް މެސީއާއި ބައްދަލުކުރަން ފޮނުވަން އެކުންފުނިން ތައްޔާރު ވެއްޖެ އެވެ.
ވަތަނިއްޔާ އިން ބުނީ، އެ ފުރުސަތުގައި މެސީ އާއި ބައްދަލުކުރަން ފޮނުވާ ކުއްޖަކީ ވިލިމާލޭ މުހްޔުއްދީން ސްކޫލްގެ ދަރިވަރެއްކަމަށްވާ އުމުރުން 14 އަހަރުގެ މުހައްމަދު ޝައިހާން ކަމަށެވެ. އޭނާ އަކީ އެ ސްކޫލްގެ ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ކުއްޖެކެވެ.
މިހިނގާ މެއި މަހުގެ ފަހު ކޮޅު ގަތަރުގައި އިއުލާން ކުރަން ހަމަޖެހިފައިވާ އައު ހަރަކާތްތަކާ އެކު އުރީދުގެ ގްލޯބަލް ބްރޭންޑް އެމްބެސަޑާ އަދި ފުޓްބޯޅައިގެ ހީރޯ ލައޮނެލް މެސީ ދުނިޔޭގެ އެތަކެއް ކުދިންތަކެއްގެ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ފަށައިފި އެވެ.
އުރީދުން އަބަދު ވެސް މަސައްކަތް ކުރަނީ އާންމުންގެ ދިރިއުޅުން އުޖާލާކުރުމަށާއި މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށާއި އަދި ހާއްސަކޮށް ޒުވާން ކުދިންނަށް ފުރުސަތުތައް ހޯދައިދީ އެކުދިންގެ އެންމެ ފުރިހަމަ ގާބިލްކަން ނެރެދިނުމަށެވެ. އެގޮތުން މިހާރު ކުރާ މަސައްކަތުގެ ތެރޭގައި މެސީ އާއި ލިއޯ މެސީގެ ފައުންޑޭޝަންއާ އެކު އުރީދު ގްރޫޕްގެ ކުންފުނިތައް ހިމެނޭ މާކެޓުތަކުގައި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ހިމެނެ އެވެ. އެގޮތުން ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓަކީ ޒުވާން ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީ އަށް މަސައްކަތްކުރުމެވެ.
މިމަހުގެ 20 ވަނަ ދުވަހު އުރީދުއާއި އެކު ބާއްވާ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި މަޝްހޫރު ފުޓްބޯޅަ ތަރި މެސީ ވަރަށް ހާއްސަ ޕްރޮޖެކްޓެއް އިއުލާންކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ގަތަރުގައި ކުޅިވަރު ޕްރޮމޯޓުކުރުމުގަޔާއި އާންމުންނާއި އެކީ އެކި ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަމުން މިދަނީ އެނބުރި ގަތަރަށް ގޮސް އުރީދުއާ އެކު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ކުދިންނަށް ފުރުޞަތުތައް މަގުފަހި ކޮއްދޭން. ފުޓްބޯޅަ ދަނޑުގަޔާއި ދަނޑުން ބޭރުގަ އާންމުންގެ މެދުގައި ހެޔޮ ބަދަލުތަކެއްގެނެސް ކުޑަކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދެވޭތީ އުފާކުރަން،" ލައޮނެލް މެސީ ބުންޏެވެ.
މިކަމާގުޅިގެން ވަތަނިއްޔާ އިން މިއަދު ނެރުނު ބަޔާމެއްގައި އެކުންފުނީގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވީ، މިފުރުސަތަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ ވަތަނިއްޔާ އަށް އަދި އުރީދުއަށް ވަރަށް އުފާވެރި އަދި ފަހުރުވެރި ވަގުތެއް. ޒުވާން ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީ އަށް މިއެޅެނީ ވަރަށް ބޮޑު ފިޔަވަޅެއް. މިމަހު ފަހުކޮޅު އިއުލާންކުރެވޭ ބައިނަލް އަގުވާމީ ހަރަކާތްތަކާ އެކު އުރީދު ގްރޫޕުގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް ފުރުސަތުތައް ލިބިގެންދާނެ." ވަތަނިއްޔާގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވި އެވެ.
ގަތަރަށް ދަތުރުކުރާ ޒުވާން ކުދިންގެ ތެރޭގައި ފަލަސްތީނާއި އިންޑޮނޭޝިއާ އާއި އިރާގު އާއި އަލްޖީރިއާ އާއި ޓޫނީސިއާ އާއި އޮމާން އާއި ކުވޭތު އަދި ދިވެހިރާއްޖެ ކުދިން ހިމެނޭ ކަމަށް ވަތަނިއްޔާއިން މައުލޫމާތުދެ އެވެ.
އުރީދު ގްރޫޕްގައި ހިމެނޭ މިގައުމުތަކުގެ ކުންފުނިތަކުން ވެސް ކުޑަކުދިންނަށް ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވަތަނިއްޔާ އިން މައުލޫމާތުދެ އެވެ.
ވަތަނިއްޔާ އިން ބުނީ މެސީ އާ ބައްދަލުކުރުމުގެ އިތުރުން ގަތަރުގެ މަޝްހޫރު ބައެއް ތަންތަނަށް ދިއުމުގެ ފުރުސަތުވެސް އެކުދިންނަށް މިދަތުރުން ލިބިގެން ދާނެ ކަމަށެވެ.
އުރީދުގެ ގްލޯބަލް ބްރެންޑް އެމްބެސަޑަރަކަށް "މެސީ" ހަމަޖެއްސުން އިއުލާން ކުރީ މި އަހަރުގެ ފެބުރުއަރީ 2013 ގައި ބާސެލޯނާގަ އެވެ.
އުރީދު ކުންފުންޏާއި ލިއޯ މެސީގެ ފައުންޑޭޝަންއިން އިޖްތިމާއީ ތަރައްގީއާއި ގުޅޭ އެކި ހަރަކާތްތައް މޯބައިލް ޓެކްނޮލޮޖީ މެދުވެރިކޮށް މެދުއިރުމަތި، އުތުރު އެފްރިކާ، އިރުއުތުރު އޭޝިއާ އަދި ދެކުނު އެފްރިކާގައި ތައާރަފުކުރަން ވަނީ ހަމަޖެހިފަ އެވެ.