13 May 2013, 17:06
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުގެ ކުރިން އެކިއެކި ފަރާތްތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމުގެ ބާރު ގާނޫނުގެ ދަށުން ލިބިދީފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
ރައީސް ވަހީދު ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކެންޕޭނެއް ކަމަށް ބުނެ ސިޔާސީ ބައެއް ޕާޓީތަކުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެކަމާ ގުޅިގެން ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބް އިއުލާން ކުރަން ގާނޫނުގައިކަނޑައަޅާފައިވަނީ 120 ދުވަސް ކުރިން ކަމަށްވާއިރު އޭގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަކީ ރިޔާސީ ކެންޕެއިން ކަމުގައި ބެލެވޭނެ ޖާގައެއް ގާނޫނުތަކުން ނުދޭ ކަމަށެވެ.އަދި ވިދާޅުވީ އޭގެ ކުރިން އެއްވެސް ފަރާތަކުން ކުރާ ކަމެއް ހުއްޓުވަން ޖެހޭނެ ކަމަށް ގާނޫނަކުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމް ނުކުރާ ކަމަށެވެ.
"ރިޔާސީ އިންތިހާބަށް އިއުލާން ކުރުމަށް ފަހު، އެގާނޫނުގައި ބުނެފައިވާ ގޮތަށް ކޮމިޝަނަށް ލިބިދީފައިވާ އިޚުތިޔާރުތަކާ ބާރުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އަޅާނަން. ވޯޓްލާ ކޮންމެ ރަށެއްގައި ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯތައް ގާއިމްކުރެވި އޮފިޝަލުން ބޭތިއްބޭނެ. އޭގެކުރިން ސިޔާސީ ގޮތުން ކުރާ ކަންތައްތަކަކީ ގާނޫނީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން،" ފަޔާޒު ވިދާޅުވި އެވެ.
ރައީސް ވަހީދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޔާސީ ކެންޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ރިޔާސީ ކެމްޕެއިން ނުފައްޓަވާ ކަމަށް ރައީސް އޮފީހުން ވެސް ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.
ފަޔާޒު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކީ ދައުލަތުގެ އެންމެ އިސް ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނުގައި ބުނާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ރިޔާއަތް ކުރާއިރު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނުގެ ގާނޫނީ ވާޖިބެއް ކަމުގައި ފަރުދީ ގޮތުން އޭނާ ދެކެވަޑައިގެންނަވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް އެކޮމިޝަނުން އިޢުލާން ކުރުމަށްފަހު ދެން ހިންގާ ކޮންމެ ކަމަކާ މެދު ވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެޅެން ހުރި ވިޔަވަޅެއް ވެއްޖެއްޔާ އެއްވެސް މަގާމަކަށް އިސްތިސްނާކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ގާނޫނުތަކުގައި އެބަހުރި ވަރަށް ބައިވަރު އުނިކަންކަން، ގާނޫނުތައް އެބަޖެހޭ އިސްލާހު ކުރަން، ނަމަވެސް އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ތެރޭގައި ހުރި ކަމެއް ނޫން، ގާނޫނުގައި ކަނޑައެޅިދާނެ ރިޔާސީ އިންތިހާބް ބާއްވާނެ ތާރީހެއް، މިހާރު މިއޮތް ގާނޫނު ބުނާ ގޮތުން ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބެއްގެ ކެންޕެއިނެއް ވެސް ނުވަތަ ރިޔާސީ އިންތިހާބްގެ އެއްވެސް ކަމެއް ގާނޫނީ ގޮތުން މި ފެށެނީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް އިޢުލާން ކުރީމަ، އޭގެ ކުރިން ކޮންމެ މީހަކު ކީހާ އެއްޗަކީ އޭނާ އަމިއްލައަށް ކިޔާ އެއްޗެއް،ހަގީގަތުގައި ރިޔާސީ އިންތިހާބްގެ ކެނޑިޑޭޓަކަށް ވާނީ އިލެކްޝަނުން އެމީހަކު ބަލައިގެންފައި އެކަން އިޢުލާންކުރީމަ،" ފަޔާޒު ވިދާޅުވި އެވެ.