ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ފުޓުބޯޅަ އެކަޑެމީގެ ހެޑް ކޯޗަކަށް ބަލްގޭރިއާގެ ކޯޗެއް ކަމަށްވާ ކީކޯ އަމްގެލޯފް ހަމަޖައްސައިފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ ނިއުގެ އެކަޑެމީގެ ހެޑް ކޯޗަކަށް ހަމަޖެއްސި ކީކޯ އަކީ ޑެންމާކުގައި ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޅު ކޯޗެއް ކަމަށެވެ. އަދި އޭނަގެ އިރުޝާދުގެ ދަށުން ތިން އުމުރު ފުރާއެއްގެ ކުދިން ތަމްރީން ކުރާނެ ކަމަށެވެ . އެގޮތުން އެ އުމުރު ފަރާތަކަކީ ހަ އަހަރު ދަށާއި 10 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިން ކަމަށް ބަލަކް ވިދާޅުވި އެވެ.

"ނިއުގެ އެކަޑެމީގެ މަސައްކަތް އޭނާ ކުރާނީ ނިއުގެ ކޯޗު ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން. އޭނާ އަކީ މޮޅު ކޯޗެއް. އަޅުގަނޑު މެން ގަބޫލް ކުރަނީ ރާއްޖޭގެ ފުޓްބޯޅައަށް އިތުރުން ކުރިއެރުންތަކެއް ހޯދަދޭން." ބަލަކް ވިދާޅުވިއެވެ.

ބަލަކް ވިދާޅުވީ، ބަލްގޭރިއާގެ ކޯޗް ކިކޯގެ އިތުރުން އެކަޑެމީގައި ދެން މަސައްކަތް ކުރާނެ ކޯޗުން ނަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމް އަދި ނިއުގެ ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. އަދި ހަފުތާއަކު އެއް ފަހަރު ނިއުގެ ސީނިއާ ހަތަރު ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަދި ކީޕަރު އިމްރާން މުހައްމަދާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހުމަދު ތޯރިގް (ޓޮމް)ގެ އިތުރުން މުހައްމަދު އުމޭރު އެކަޑެމީގެ ސެޝަންތަކުގައި ބައިވެރިވާނެ ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.

މީގެއިތުން ބަލަކް ވިދާޅުވީ އެކަޑެމީއަށް ލިބޭ ތަރުހީބު ވަރަށް ބޮޑު ކަމަށާއި އެގޮތުން އެތަރުހީބު އިތުރުކުރުމަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް ކުލަބުން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަޑެމީގެ ހަރަކާތްތައް ކުރިއަށް އޮތްތާގައި ރާއްޖެ ތެތޭގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ބަލަކް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެސްގައި ނިއުގެ އެކަޑަމީ ކޯޗް ކިކޯ ބުނީ، ރާއްޖޭގެ ފުޓްބޯޅަ އޭނާއަށް އަދި އާކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތްތާގައި މަސައްކަތް ކުރާނީ ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ފުޓްބޯޅައިން ހޯދައި ދިނުމަށް ކަމަށެވެ.

" ނިއުގެ އެކަޑެމީއާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ޕޮޕޯފް ނިއުގައި ހުރުން . ޕޮޕޯފް އާ އެކު މަސައްކަތްކުރާނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި، ނިއުގެ އެކަޑަމީން ޕްރޮފެޝަނަލްކޮށް ރާއްޖޭގައި މޮޅެތި ކުޅުންތެރިންތަކެއް އުފައްދަން. އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދީ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ހެދުން. ނިއުގެ އެކަޑެމީގެ ފުރުސަތު ގަބޫލު ކުރީ ވެސް އެހެންވެ" ކިކޯ ބުންޏެވެ.

ނިއުގެ ކޯޗު ޕޮޕޯފް ބުނީ އޭނާ އާއި ކީކޯ އަކީ ޑެންމާކުގައި އެކުގައި މަސައްކަތްކުރި ދެ މީހުން ކަމަށެވެ. އަދި ކިކޯއާއެކު މަސައްކަތް ކުރަން އަނެއްކާވެސް ލިބުމުން އުފާވާ ކަމަށާއި ހަމައެޔާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކިކޯއާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ޕޮޕޯފް ބުންޏެވެ.