ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ އެކު ކޯލިޝަން ހަދާފައިވާ ތިން ޕާޓީއެއްގެ އިސް ބޭފުޅުންގެ ބައްދަލުވުމެއް މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އަހުމަދު ތައުފީގު މިއަދު ސަންއަށް ވިދާޅުވީ ރައީސް ވަހީދު ނިސްބަތްވެވަޑައިގެންނަވާ ގައުމީ އިއްތިހާދާއި ޑީއާރުޕީ އާއި ގައުމީ ޕާޓީ އަދި އަދާލަތު ޕާޓީން މިއަދުގެ ވަގުތެއްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ސީދާ ތަނެއް މުޅިން ހަމަޖެހިފައިވާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބައްދަލުވުމަކީ ކޯލިޝަންގެ ބޭފުޅުންގެ ތެރޭގައި ބައްދަލުވެ ހިޔާލު ބަދަލުކުރުމަށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް. ވަކި ހާއްސަ ބައްދަލުވުމެއް ނޫން، އެހެންވެ ޕާާޓީތަކުގެ ކައުންސިލްގެ ބޭފުޅުން ހިމެނޭ ގޮތަށް މިބައްދަލުވުން ކުރިއަށްދާނީ،" ތައުފީގު ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ރައީސް ވަހީދާ އެކު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން މިއަދުގެ ވަގުތެއްގައި ބައްދަލުކުރުމަށް ނިންމާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ނަސަންދުރާ ޕެލަސް ހޮޓަލްގަ އެވެ.

އަންނަ ރިޔާސީ އިންތިހާބްގައި ރައީސް ވަހީދަށް ތާއީދުކުރާ ޕާޓީތަކުން ރައީސް ވަހީދުގެ ރަނިންގް މޭޓަަކު ކަނޑައަޅައިފައިވާ ކަމުގައި ސޯޝަލް ނެޓްވޯކްތަކުގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ތައުފީގު ވިދާޅުވީ ރަނިން މޭޓަކު ޕަބްލިކަށް އިޢުލާން ކުރުމާ ހަމައަށް ކަންތައްތައް ކުރިއަށް ނުދާ ކަމަށާއި ނަމަވެސް އެކަންކަން ޕާޓީގެ ލީޑަރުންގެ މެދުގައި ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.