ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް ރައްޔިތުން ދެމުން ގެންދާ ތަރުހީބަކީ ވަކި ޕާޓީއަކުން ބޭނުންވެގެން ދެމުންގެންދާ ތަރުހީބެއް ނޫން ކަމަށް ރައީސް އޮފީހުގެ އެޑްވައިޒާ، ޕޮލިޓިކަލް އެފެއާޒު އަހުމަދު ތައުފީގު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރި މައްސަލާގައި ޕީޕީއެމުން ވަނީ ރައީސް ވަހީދު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެއްބާރުލުން ނުދިނުމަށް ނިންމައިފަ އެވެ.

ތައުފީގު ސަންއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރައްުޔިތުންނަކީ ޕާޓީތަކުން ގެންގުޅޭ "ޕަޕެޓުން" ނޫން ކަމަށާއި ދިވެހި ރައްޔިތުންނަކީ އަބަދު ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކީ ރައްުޔިތުން ގަބޫލްކުރާ އެމީހުންގެ މަގުބޫލްކަން ލިބިވަަޑައިގެންފައިވާ ބޭފުޅެއް ކަމުގައިވާ ނަމަ، އެބޭފުޅަކަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ނިކުންނާނެ ކަމަށެވެ. އަދި އެގޮތަށް އެ ރައްޔިތުން ކަންތައްތައް ކުރަނީ ވަކިޕާޓީއަކަށް ބަލައިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ވަހީދަކީ ރައްޔިތުންގެ މަގުބޫލްކަން ހޯއްދަވާފައިވާ ރައީސެއް، ރައްުޔިތުންގެ ތާއީދު ހޯއްދަވާފައިވާ ބޭފުޅެއް. ކުރީގެ ރައީސް މައުމޫންނަށް ވެސް ރައްޔިތުން ނިކުމެ މަރުހަބާ ކިޔާ ތާއީދު ދިނީ މައުމޫނަކީ ވެސް ރަނގަޅު ބޭފުޅެއް ކަމުގައިވާތީ. އެގޮތަށް އެ ތާއީދު އެ ދެނީ ރައީސް ވަހީދަކީ ވެސް ރައްޔިތުން ރުހޭ ރަނގަޅު ބޭފުޅެއް ކަމުގައިވާތީ، އެއީ އެއްވެސް ހާލެއްގައި ޕާޓީތަކުން މީހުން ނެރެގެން ރައީސަށްދޭ ތަރުހީބެއް ނޫން. އެއީ ދިިވެހި ރައްޔިތުން ހެޔޮހިތުން ދޭ ތަރުހީބެއް،" ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް ވަހީދު ރަށްރަަަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންނަވާ ދަތުރުތަކުގައި އެމަނިކުފާނަށް ހުރަސް އެޅުމަށް އެމްޑީޕީން ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަމުން މާބޮޑު ކުރިއެރުމެއް އެމްޑީޕީ އަށް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި އެގޮަތަށް ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ ޕީޕީއެމުން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އެ ސްޓައިލް ކޮޕީކުރުން ކަމުގައި އޭނާ ސިފަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ އެމަނިކުފާނުގެ ކެމްޕެެއިން ދަތުރުފުޅުތަކުގެ ގޮތުގައި ޕީޕީއެމާއި އެމްޑީޕީން ސިފަކުރަމުންގެންދާކަން ފާހަގަކުރައްވައި ތައުފީގު ވިދާޅުވި ރައީސް ވަހީދު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރައްވަމުން ގެންދާ ދަތުރުފުޅުތަކަކީ ރިޔާސީ ކެމްޕެއިން ކަމުގައި ދެކެވަޑައިނުގެންނަވާ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ ކެންޑިޑޭޓުން އިޢުލާންކޮށްފައިނުވާ އިރު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހިވަޑައިގެންނަވާ ކަންކަން ރައީސް ވަހީދު ކުރަައްވަމުން ގެންދަވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސަށް ރާއްޖެތެރެ އަށް ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގެންނަވާނެ، މި ރާއްޖޭގެ ވަރަށް ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް ކަން ކުރެއްވި ރައީސް މައުމޫން ވެސް ވިދާޅުވެފައި އޮންނާނެ ފިނިކޮޓަރިއެއްގައި ތިބެގެން ރައްޔިތުންގެ ހާލު ނުބެލޭނެ ކަމަށް. އެއީ ވަރަށް ބޮޑު ހަގީގަތެއް، އެރަށް ރަށުގެ ހާލާއި ރައްޔިތުންގެ އުދާސްތައް ރައީސަށް އެނގިވަޑައިގެންނަވާނީ އެރަށްރަށަށް ވަޑައިގަތުމުން. ރިޔާސީ ކެމްޕެއިން ކުރާނީ އިލެކްޝަނުން ރިޔާސީ ކެންޑިޑޭޓުން އިޢުލާންކުރުމުން. ކެމްޕެއިން ކަމުގައިވާ ނަމަ ރަޢީސް ވަހީދު އެ ރަށްރަށަށް ވަޑައިގެންނަ ވާނީ ގައުމީ އިއްތިހާދުގެ ބޭފުޅުންނާއި އެ ޕާޓީގެ ދިދަތައް ޖަހައިގެން، ނަަމަވެސް ރައީސް ވަޑައިގެންނަވަނީ ދިވެހި ދިދައިގެ ކުލަތައް ބޭނުންކުރައްވައިގެން، އެހެންވެ ރައީސް އެ އަދާކުރައްވަނީ އެމަނިކުފާނުގެ ގާނޫނީ ވާޒިބު." ތައުފީގު ވިދާޅުވި އެވެ.