މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިތުރަށް މަޝްހޫރުވެގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް 2013" ހަފްލާގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އިވެންޓުގެ ސަބަބުން ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރާއްޖެ މަޝްހޫރުވެގެން ދާނޭ ކަމަށެވެ.

"މި އިވެންޓުގެ ސަބަބުން ރާއްޖެ މަޝްހޫރުވެގެންދާނެ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ، ވަރަށް މުހިންމު ކަމެކޭ މިރޭ ނިމިގެން މިދިޔައީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ އެފަދަ ބޮޑެތި ހަފްލާތައް ގިނަގިނައިން ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރަށްވަމުން އެމަނިކުފާނު ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސް 2013 ރާއްޖޭގައި ބޭއްވުމުގެ ކަންތައްތައް ރާއްވަވައި ހިންގެވުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ އޮފީހާއި އެ ދާއިރާގައި މަސައްކަތް ކުރަށްވާ އެންމެހައި ފަރާތްތަކާއި އަދި އެ އިވެންޓު ހޯސްޓު ކުރެއްވުމަށް ޕެރަޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖްމަންޓައި ވެރިން އަދި ހާއްސަކޮށް ގާސިމް އިބްރާހީމް ވެދެއްވި އެހީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވޯލްޑް ޓްރެވަލް އެވޯޑްސް 2013" ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރި ކަމުން ލިބޭ އާމްދަނީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް ފައިވާ ކަމަށާއި އަދި ރާއްޖޭގެފޮރުވިފައިވާ ރާއްޖޭގެ ރީތި އެކަހެރި ރައްތައް ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ބަދަލުކުރުމުގައި އަގުބޮޑު މަސައްކަތްތަކެއް ކުރަށްވާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައި ވެއެވެ. އަދި ހަމަ އެހެންމެ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ރާއްޖެ އިހްތިޔާރު ކުރެއްވި ކަމަށްޓަކައި ވޯލްޑް ޓްރެވަލް އެވޯޑްސް ގުރޫޕުގެ ޕްރެޒިޑެންޓާއި އެންމެހައި މުވައްޒަފުންނަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.