13 May 2013, 13:15
ޓެސްޓް ޕޭޕަރު ކޮޕީކުރި ގދ ގައްދޫ ކޯޓުގެ ގާޒީއާއި މެދު ފިޔަވަޅު އަޅަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އަންގައިފި އެވެ.
ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހްމަދާ މެދު ފިޔަވަޅު އަޅައިދިނުމަށް އޭސީސީން ޖޭއެސްސީއަށް އަންގާފައި ވަނީ ގާޒީންނަށް އަމާޒް ކޮށްގެން 2010 ވަނަ އަހަރު ކުއްލިއްޔާއިން ހިންގި ޑިޕްލޮމާ ކޯހެއްގައި ކޮޕީ ކުރުމުގެ ތުހުމަތުގައި އޭނާ ވަކިކޮށްފައި ވަނި ކޮށް އޭނާއަށް އަލުން އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅެނު މައްސަލަ ބަލައި ނިންމުމަށް ފަހު މިއަދު އޭސީސީން ނެރުނު ބަޔާނެއްގައެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ޓެސްޓް ހެދި އިރު ޖަވާބު ކަރުދާހެއް ހިފައިގެން އިންކަން ތަހުގީގުގައި ރާޣިބް އެއްބަސްވެފައިވާ އިރު ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެ މީހުންގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރުގައި ކަމަށް ބުނާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ވަނީ ރާޣިބް ސޮއިކޮށްފައި ކަމަށެވެ. އެއެހެން ކަމުން އޭނާ ކޮށްފައިވާ އެ އަމަލަކީ އެ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މިފަދަ އަމަލެއް ތަކުރާރު ނުވާނެހެން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އޭސީސީން ޖޭއެސްސީ އަށް ވަނީ އަންގާފައެވެ.
ޓެސްޓް ޕޭޕަރު ކޮޕީކުރި މައްސަލާގައި ރާޣިބް ކޯހުން ވަކިކުރަން ކުއްލިއްޔާގެ ބޯޑުން ނިންމުމުން ރާޣިބު އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ވަނީ އެ މައްސަލަ ކުއްލިއްޔާގެ ބޯޑުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައި އޭނާ އަށް ކޯހުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބޯޑުން ދީފައި ވެއެވެ. ބޯޑުން އެ ގޮތަށް ނިންމުމުގައި ބަލާފައި ވަނީ ރާޣިބު މަކަރު ހަދާފައި ވަނީ ކުލާސް ޓެސްޓެއްގައި ކަމަށް ވެފައި ކުއްލިއްޔާ ގަވައިދުގައި އިމްތިހާނު ކަމަށް ބުނެފައި ވަނީ ސެމިސްޓަރ ޓެސްޓަށް ކަމަށް ވާތީ އޭނާ ހެދި ކުލާސް ޓެސްޓުން އޭނާއަށް މާކްސް ނުދީ އަލުން ޓެސްޓް ހެދުމުގެ ފުރުސަތު ދިނުމަށެވެ. ބޯޑުން މި ގޮތަށް ނިންމާފައި ވަނީ ގަވާއިދުތަކާއި އުސޫލްތަކުގެ ދަށުން ކަމަށާއި މި ފަދަ މައްސަލަތައް މުރާޖައާކުރުމުގެ ހައްގު އެކަޑަމިކް ބޯޑަށް ލިބިގެންވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
ރާޣިބަކީ މިހާރު ގދ. ތިނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.