13 May 2013, 13:03
ކްލަބް ރިވަސައިޑް އަތުން 4-2 ލަނޑުން ގްރީން ސްޓްރީޓް މޮޅުވެ އެންޖޯއީ ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގެ ފެށުން ގްރީން ސްޓްރީޓްއިން ރަނގަޅު ކޮށްފިއެވެ.
މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖަހައި މެޗުގެ ލީޑް ނެގީ ރިވަސައިޑުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން އިރުޝާދެވެ. އަދި އިއްޔެ މެޗުގެ 25 ވަނަ މިނެޓުގައި އިރުޝާދު ވަނީ ރިވަސައިޑަށް ލީޑް ފުޅާ ކޮށްދިން ލަނޑު ވެސް ކާމިޔާބު ކޮށްދީފައެވެ.
ދެ ލަނޑުގެ ލީޑަކާއެކު ގްރީން ސްޓްރީޓްގެ މައްޗަށް ރިވަސައިޑުން ކުރި ހޯދައިފައި ވަނިކޮށް، ގްރީން ސްޓްރީޓުގެ އަސްލަމް ރަހާ ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 ލަނޑަށް އަބުރާލައިފައެވެ.
އިއްޔެގެ މެޗުގައި ގްރީން ސްޓްރީޓަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން ނަސީރެވެ. އަދި އޭނާ ވަނީ ދެ ވަނަ ހާފުގައި އެޓީމުގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑުވެސް ކާމިޔާބުކޮށްދީ ހެޓްރިކް ހަދައިފައެވެ.
ދެވަނަ ޑިވިޝަންގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިޔަންސާ އާއި ޒެފްރޯލް އެވެ.
ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ޖުމުލަ ނުވަ ޓީމެކެވެ. ނުވަ ޓީމު ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނޭ ޓީމް ތަކަކީ ޔުނައިޓެޑް ވިކްޓަރީ އާއި މަހިބަދޫ ސްޕޯޓްސް ކުލަބާއި ކުލަބު ރިވަސައިޑް، ކުލަބް ގްރީން ސްޓްރީޓް އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދޭއްގައި ލައްވައިލި ޓީމުތަކަކީ، މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި، ވިޔަންސާ، ކުލަބް ޒެފްރޯލް، ކުލަބް ގާމަގު އަދި ސްޕޯޓްސް ކުލަބް މެކާނޯއެވެ.
ދެގުރޫޕްގެ މެދުގައި ލީގު އުސޫލުން ކުޅެ ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއް ދެވަނަ ބުރަށް ދާނެއެވެ. އަދި އެ ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ދާނެއެވެ. މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު އެންމެ ދަށް ނަތީޖާ ހޯދާޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ.