13 May 2013, 13:00
އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މެލޭޝިޔާގެ ސެލަންގޯރު އެފްސީ ކުޅޭ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކާން ފަށާނެ ކަމަށް ނިއުރޭޑިއަންޓުން ބުނެފި އެވެ.
މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.
ސެލަންގޯރާ ދެކޮޅަށް ނިއު ކުޅޭ މެޗުގެ ޓިކެޓްތައް މިއަދު ވިއްކަން ފަށާނީ ގަލޮޅު ރަސްމީ ދަނޑުންނެވެ. ޓިކެޓުގެ އަގުތައް އުޅެނީ ސިޑިބަރިން 15ރ. އަދި ގޮނޑި ބަރިން 50 ރ. އަށެވެ.
ނިއުގެ އިސް އޮފިސަލަކު މިއަދު ވިދާޅުވީ، މެޗުގެ ޓިކެޓުތައް މިއަދު ގަލޮޅު ދަނޑުން ވިއްކި ކަމުގައި ވިޔަސް، މާލޭގެ ބައެއް ފިހާރަތަކުން ވެސް މާދަމާއިން ފެށިގެން ޓިކެޓު ވިއްކާން ފަށާނެ ކަމަށެވެ.
ނިއުއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ސެލަންގޯރު ދަތުރު ކުރީ އޭއެފްސީ ކަޕްގެ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއު ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެލޭޝިޔާ ލީގުގެ ހަތަރުވަނައިގައި އޮތް ސެލަންގޯރާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓު ނުކުންނަ އިރު، އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ނިއު އެންމެ ފަހުން ޖާގައެއް ހޯދާފައި ވަނީ 2005 ވަނަ އަހަރުއެވެ. އަދި މިފަހަރު ނިއު ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާ އެކު މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައި ކަން ފާހަގަ ކޮށްލެވެއެވެ.
އަދި ސެލަންގޯރު ޓީމު ވަނީ މީގެ ކުރިން 2006 ވަނަ އަހަރު އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލް ކުޅެފައެވެ.