13 May 2013, 12:42
ރައްޔިތުން މަޖިލީހުގެ ގާނޫނުލް އުގޫބާތުގެ ދިރާސާކުރާ ވަގުތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ ތައުލީމީ ފެންވަރު އަންގައިދޭ ލިއުމެއް ހޯދަދިނުމަށް ރައްޔިތުން މަޖިލީހުގެ އިދާރާގައި އަދާލަތު ޕާޓީން އެދިއްޖެ އެވެ. ރައްޔިތުން މަޖިލީހުގެ އިދާރާއަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތުގެ ދިރާސާކުރާ ވަގުތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ ތައުލީމީ ފެންވަރު އަންގައިދޭ ލިއުމެއް ބޭނުންވަނީ އެ ޕާޓީގެ އިލްމްވެރިންގެ ރައީސް ޝެއިހް އިލްޔާސް ހުސެއިން އަންނަ ބުދަ ދުވަހު އެ ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީން މީޑިޔާތަކަށް ހިއްސާކޮށްފައިވާ ސިޓީގައި ގާނޫނުލް އުގޫބާތުގެ ދިރާސާކުރާ ވަގުތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ ތައުލީމީ ފެންވަރު އަންގައިދޭ ލިޔުމެއް އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ކުރިން ބޭނުންވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ބިލެއް" ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ޝައިހް އިލްޔާސް ދަރުސްދެއްވި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީއަށް ހާޒިރު ވުމަށް ވަނީ ދެ ފަހަރަށް އަންގާފަ އެވެ. ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި ތިއްބަވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާއާއި މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.