ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލް ޢަފޫރަށް ލިބިވަޑައިގެންނެވި، ވޯލްޑް ޓްރެވަލް އެވޯޑްސް 2013ގެ އިންޑިއަން އޯޝަން ޓްރެވަލް އެންޑް ޓޫރިޒަމް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ހުރިހާ ދިވެހިންނަށް ލިބުނު އެވޯޑެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އަދީބު ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑަކީ ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއްގައި އެންމެހާ ފަރާތްތަށް ގުޅިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އަޅުގަނޑަށް މި ލިބުނު އެވޯޑަކީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ހުރިހާ ދިވެހިންނަށް ލިބުނު އެވޯޑެކޭ އަޅުގަނޑު ދަންނަވާނީ. މުޅި ގައުމު އެކީގައި ހަމަނުޖެހުމާ ހުރިހާ ކަމެއްގެ ތެރެއިންވެސް، އަޅުގަނޑުމެންނަށް މިކުރެވުނު މަސައްކަތުގެ ނަތީޖާއޭ ފެނިގެން މިދިޔައީ،" ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވި އެވެ.

"ވޯލްޑް ޓްރެވަލް އެވޯޑްސް 2013"ގެ އިންޑިއަން އޯޝަން ކެޓަގަރީއަށް ހުށަހެޅި 33 އެވޯޑުގެ ތެރެއިން 22 އެވޯޑެއް ރާއްޖެ އިން ވާދަކުރި ފަރާތްތަކަށް ލިބިފައިވެ އެވެ. އަދީބު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ވަރަށް ގިނަ ބޭފުޅުންތަކެއް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ކުރަށްވަމުން ގެންދަވާ މިފަދަ ދަނޑިވަޅެއްގައި ރާއްޖެ އަށް މިފަހަރުގެ ވޯލްޑް ޓެރެވަލް އެވޯޑްސްގެ ގިނަ ވަނަތަކެއް ލިބިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އިންޓަނޭޝަނަލް ފަރާތްތަކުން އަޅުގަނޑުމެން ރިކޮގޮނައިޒް ކުރީތީވެ މިއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިއީ ވަރަށްގިނަ ފަރާތްތަކެއްގެ މަސައްކަތް. އޭގެ ތެރޭގައި އިންޑަސްޓްރީގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓުގެ މެންބަރުންނާއި ގުޅިފައިވާ ޕާޓީތަކާއި ހުރިހާ ބޭފުޅުންގެ މަސައްކަތް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އިދިކޮޅަށް ވަރަށް ގިނަ ބޭފުޅުން މަސައްކަތް ކުރެއްވި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހުރިހާ ކަމަކުން އަރައިގަނެވި، ވަރަށް ފުރިހަމަ ކާމިޔާބެއް ލިބިގެން މިދިޔައީ،" އަދީބު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ބަޖެޓް ދަތި އިރެއްގައި "ވޯލްޑް ޓްރެވަލް އެވޯޑްސް 2013" އިވެންޓުގެ އެންމަހައި އިންތިޒާމްތައް ހަމަޖައްސައިދީ އެ އިވެންޓު ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ރާއްޖެއަށް "ފްރީ މާކެޓިން"ގެ އިތުރުން ގިނަ ފައިދާތަކެއް ކުރާނެ އެވެ. އަދި އިންޑިއަން އޯޝަން ކެޓަގަރީގައި ރާއްޖެ ހޯދި ކާމިޔާބުތައް ފެނިގެން މިދިޔައީ ދިވެހިންގެ ކުރިމަތީގައި ކަމަށާއި އަދި ނިމިގެން ދިޔަ އިވެންޓަކީ ވަރަށް ފުރިހަމަ އިވެންޓެއް ކަމަށް އަދީބު ވިދާޅުވި އެވެ.