13 May 2013, 12:14
މެދު ނުކެނޑި ތިން ދުވަސް ވަންދެން ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި އެރަށުގެ ނަރުދަމާ ނިޒާމު ހަލާކުވެއްޖެ އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސައިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ވިލިނގިއްޔަށް މެދުނުކެނޑި ކުރަމުންދިޔަ ވިއްސާރައިގައި ޕަމްޕްތަކަށް ބާރުބޮޑުވެ ފެންގަނޑު ބޭރުކުރެވޭނެ ގޮތެއް ނެތިގެން ރަށުތެރޭގައި އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ނަރުދަމާ ހަލާކުވެ މަގުމަތީގައި ހުރި ޖަންކްޝަންތަކުން ނަޖިސްބޭރުވަމުންދާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ..
ސައުދު ވިދާޅުވީ ޖަންކުޝަންތަކުން ނަޖިސްބޭރުވަމުންދާ މައްސަލައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި މިވަގުތައް އެންމެ އިސްކަމެއް ދެނީ ރަށުތެރޭ ބޮޑުވާ ފެންބޭރުކުރެވޭނެ ގޮތެއް ހެދުމަށް ކަމަށެވެ.
ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ގޭގެއަށް ވެސް ވަދެ ހިފާގެންގުޅޭ ތަކެއްޗާއި ބެޑްރޫމްފަދަ ތަކެތި ހަލާކުވެފައިވާ ކަމަށާއި ގޭގެއަށް ފެންވަނަ ނުދިނުމަށްޓަކައި ބައެއް ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖަހާފައިވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
އާބާދީގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވިލިނގިލީގައި ފެންބޮޑުވުމާއި ގުޅިގެން ކަމާގުޅޭ ފަރާތްތަކުގެ އެހީތެރިކަމަށް މިހާރު އެދިފައިވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ވަނީ ފުވައްމުލަކުގެ ބޮޑު ބަޔަކަށް އުދައަރައި އެރަށުގެ ބައެއް ދަނޑުތަކަށް ވެސް ގެއްލުން ވެފަ އެވެ.