13 May 2013, 12:01
ހޮލެންޑްގެ ޕީއެސްވީ އެއިންދޮވަންގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކް ވެން ބޮމެލް ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފި އެވެ.
އުމުރުން 36 އަހަރުގެ މިޑްފީލްޑަރު ވެން ބޮމެލް ރިޓަޔާކުރީ 21 ސީޒަނަށްފަހު އެވެ. އަދި އޭނާ ރިޓަޔާކުރުމުގެ ކުރިން ޕީއެސްވީއަށް ރޭ ކުޅުނު މެޗުގައި ރަތް ކާޑެއް ހޯދާފައި ވެއެވެ. ޓްވެންޓޭ އާއި ދެކޮޅަށް ކުޅެ 3-1 ލަނޑުން ޕީއެސްވީ ބަލިވި މެޗުގައި ވެން ބޮމެލް ދަނޑުން ފޮނުވާލީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ.
"މީއީ ރަނގަޅު ކަމެއް. އަހަރެން ބޭނުންވީ އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން. މިދިޔަ އަހަރުން ފެށިގެން އަހަރެންގެ ވައަތު ފައިގެ ކަކުލަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ. އަހަރެންނަށް އެންމެ އުނދަގޫވީ ރިޓަޔާ ކުރާނެ ވަގުތެއް ކަނޑައަޅަން." ވެން ބޮމެލް ބުންޏެވެ.
މިސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކުނު ނަމަވެސް ތައްޓެއް ނުހޯދުމުން ހިތްހަމަނުޖެހޭ ކަމަށް ވެން ބޮމެލް ބުނެފައި ވެއެވެ.
"މިސީޒަނުގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ދެއްކުނު. ނަމަވެސް އަހަރެން މިހިރީ ހިތްހަމަ ޖެހިފައެއް ނޫން. އެއީ ޓީމަށް ތައްޓެއް ނުހޯދައި ދެވުމުން ހިތްހަމައެއް ނުޖެހޭ. ރަތްކާޑަކާއެކު ރިޓަޔާކުރުމަކީ ހުތުރު ކަމެއް. މިއީ ޕީއެސްވީ އަދި އަހަރެންގެ އަހަރެއް ނޫން." ވެން ބޮމެލް ބުންޏެވެ.
ފޯޗުނާ ސިޓާޑް އިން 1992 ވަނަ އަހަރު ކުޅެން ނުކުމެ ދެފަހަރަކު ވެން ބޮމެލް ޕީއެސްވީ އަށް ކުޅެފައި ވެއެވެ. އޭގެ އިތުރުން ވެން ބޮމެލް ވަނީ ބާސެލޯނާ، ބަޔާން މިއުނިކް، އޭސީ މިލާނަށް ވެސް ކުޅެފަ އެވެ.
ނެދަލޭންޑްސް ގައުމީ ޓީމްގެ ކެޕްޓަންކަން އަދާކުރި ވެން ބޮމެލް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލާއި ހަމައަށް އެޓީމް ދަތުރުކޮށްދިނުމަށް އެހީތެރިވެދީފަ އެވެ. ވެން ބޮމެލްގެ ފުޓްބޯޅަ ކެރިޔަރުގައި 22 ތަށި ކާމިޔާބުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ކުޅުނު ހުރިހާ ކްލަބަކާއެކު ލީގު ތަށި ކާމިޔާބުކޮށްފައި ވެއެވެ.