އިހަވަންދޫ ސިއްހީ މަރުކަޒުގެ ބަލި މީހުން ބަލާ ކޮޓަރީގެ އެއާކޯނު ހަލާކުވެފައި ހުންނަތާ މަސް ދުވަސް ވެފައިވާ ކަމަށާއި އެއާކޯނު ހެދުމަށް ހެލްތު މިނިސްޓްރީން ހުއްދަ ދީފައި ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.


އިހަވަންދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އެ ސިއްހީ މަރުކަޒުގައި ބަލިމީހުން ބެލުމަށް ހުންނަނީ އެންމެ ކޮޓަރިއެއް ކަމަށާއި އެ ކޮޓަރީގެ އެއާކޯނު ހަލާކުވެފައި ހުރުމުގެ ސަބަބުން ބަލި މީހުންނަށް ވެސް އެކަމުގެ އުނދަގޫ ފޯރަމުން އަންނަ ކަމަށެވެ.


"ބަލިމީހުން ބަލަން އެންމެ ކޮޓަރިއެއް ހުންނަނީ. އެއާކޯނު ހަލާކުވެފައި ހުރީމާ އެމީހުންނަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތި ވަމުން އަންނަނީ. ކޮޓަރިތެރޭގައި މި ހުންނަންޖެހެނީ ދާހިއްލައި ތަތްތެޅިގެން" ރަޝީދު ވިދާޅުވި އެވެ.


އެއާކޯނު ހެދުމަށް އިއުލާނު ކުރުމަށް ހުއްދަ ހޯދުމަށް ހެލްތު މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވީ ނަމަވެސް އެ މިނިސްޓްރީން އެކަމަށް އިޖާބައެއް ދީފައިނުވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އަމިއްލައަށް މަސައްކަތް ކުރުމަށް ބަޖެޓްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެނަށް ހެލްތު މިނިސްޓްރީން މިކަހަލަ މަސައްކަތްތައް ކުރުމަށް ބަޖެޓެއް ދީފައެއް ނޯވޭ. މަރާމާތު ކުރުމަށް އަދިވެސް ހުއްދައެއްނުދޭ. ދެ ފަހަރަކު މިހާރު އެދެފިން އަދިވެސް ހުއްދައެއް ނުދޭ. ފޮޓޯ ކޮޕީ މެޝިނު ވެސް ހަލާކުވެފައި ހުންނަތާ މިހާރު ދޮޅު އަހަރުވެއްޖެ. އެ މެޝިނު ވެސް ހަދާނެ ގޮތެއްނެތިފައި އަޅުގަނޑުމެން މިތިބީ" ރަޝީދު ވިދާޅުވި އެވެ.


ރަޝީދު ވިދާޅުވި ގޮތުގައި އެ ރަށު ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާ ކޮޓަރިން ކޮންމެ ދުވަހަކު 30 އަށް ވުރެ ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދަ އެވެ. އިހަވަންދޫގެ އާބާދީއަކީ ގާތްގަނޑަކަށް 3،000 މީހުން ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުންޏެވެ.