މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން މިހާ އަވަހަށް ރިޓަޔާ ކުރާނެކަމަށް ކުރިން ހީނުކުރާ ކަމުގައި ކުއީން ޕާކްސް ރޭންޖާސްގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.

ފާގަސަން އަށް ތައުރީފްގެ ބަސްތައް ރައްދުކުރުމުގެ އިތުރުން ރެޑްނެޕް އަކީ ފާގަސަންގެ ބޮޑު ވާދަވެރި އެކެވެ. ރެޑްނެޕް ޓޮޓެންހަމް އަށް ކޯޗުކޮށްދިން އިރު، ފާގަސަން އާއި ރެޑްނެޕްގެ ވާދަވެރި ބަސްތައް ފާހަގަކޮށްލެވެ އެވެ.

"އަހަރެން ހިއެއް ނުކުރަން މިހާ އަވަހަށް މިކަން ވެދާނެ ކަމަކަށް. އަހަރެން ހީކުރީ އަދި ދެތިން އަހަރު ފާގަސަން ކޯޗުކަމުގައި ހުންނާނެ ކަމަށް. އޭނާ ޕްރެމިއާ ލީގު ކާމިޔާބުކޮށްފި. އެއަށްފަހު ފާގަސަންގެ ހަޔާތް މަޖާކޮށްލުމަށް ވިސްނަނީކަމަށް ވެދާނެ. ފާގަސަން ވަނީ ޓީމްތައް އެއްބައިވަންތަ ކުރުވާފަ" ރެޑްނެޕް ބުންޏެވެ.

ރެޑްނެޕް ވަނީ އަންނަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވާ އެވަޓަންގެ ކޯޗް ޑޭވިޑް މޮއެސް އަށް މަރްހަބާ ކިޔާފަ އެވެ. "ޔުނައިޓެޑުން ދަށް ފަންތީގެ ޑިވިޜަންތަކަށް އަރައިގަތް ކޯޗަކަށް އިސްކަންދިންކަމީ އިނގިރޭސި ކޯޗުން އުފާކުރާނެ ކަމެއް. އެ ފުރުސަތު މޯއިސްއަށް ދިނުމަކީ ރަނގަޅު ކަމެއް. މިކަމަކީ މޯއިސް އަށް ވަރަށް އުނދަގޫވާނެ ކަމެއް. ނަމަވެސް ޔުނައިޓެޑްގައި މޯއިސް ރަނގަޅު ވަޒީފާއެއް އަދާކުރާނެކަމުގެ ޔަގީންކަން އެބައޮތް" ރެޑްނެޕް ބުންޏެވެ.

އެވަޓަންގެ ކޯޗުކަން އެގާރަ އަހަރު ކޮށްފައިވާ މޯއިސް އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 30 ގައެވެ. މޯއިސް ވަނީ އެވަޓަން ފަދަ ކްލަބެއްގެ ނަން ފަހްރުވެރިވާ ފަދަ ކާމިޔާބީއެއް ހޯދައިދީފަ އެވެ.