13 May 2013, 11:17
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުންދޭ، "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު ޓޫރިޒަމް" އެވޯޑް ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި ކޮލި މުހައްމަދު މަނިކާއި ޗަންޕާ ހުސައިން އަފީފުގެ އިތުރަށް ގާސިމް އިބްރާހީމަށްދީފި އެވެ.
"ވޯލްޑް ޓްރެވަލް އެވޯޑްސް 2013"ގެ އިންޑިއަން އޯޝަން ކެޓަގަރީއަށް އެވޯޑު ދިނުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި ކުލަގަދަ ހަފުލާއެއްގައި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުންދޭ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު ޓޫރިޒަމް" އެވޯޑް މުހައްމަދު އުމަރުމަނިކާއި ހުސެއިން ޢަފީފު އަދި ގާސިމް އިބްރާހީމަށް ދިނީ އެ ބޭފުޅުން ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ވޯލްޑް ޓްރަވަލްސް އެވޯޑްސް ގްރޫޕުން ބުންޏެވެ.
އެ ތިން ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްރެޒިޑެންޓް އަދި ފައުންޑާ ގްރެހަމް އީ ކޫކް އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހާއްސަ ތިން އެވޯޑު ލިބިވަޑައިގެންނެވި ޔުނިވަސަލް ގްރޫޕްގެ ޗެއާމަން މުހައްމަދު މަނިކާއި ޗަންޕާ ބްރަދާސް ގްރޫޕްގެ ޗެއާމަން ޗަންޕާ ހުސައިން އަފީފަކީ ރާއްޖެ އަށް ފުރަތަމަ ޓޫރިޒަމް ތައާރަފު ކުރެއްވި ދެ ބޭފުޅުންނެވެ. އަދި ގާސިމަކީ ވެސް ޓޫރިޒަމް ދާއިރާ އަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ވޯލްޑް ޓުރެވަލް އެ ވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. އަދި އެ އެވޯޑަކީ ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެންމެ އަގުބޮޑު އެވޯޑުވެސްމެ އެވެ.