13 May 2013, 10:51
މާލޭ ފަތާ ޓްރެކް ސަރަހައްދުގައި އަޅާފައި އޮތް "ލިއޮރާ" ކިޔާ ލޯންޗެއްގެ ތެރެއިން 16 ފުޅި ބަނގުރަލާ އެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ އުމުރުން 32 އަހަރުގެ ދިވެއްސަކާއި އުމުރުން 44 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
ފުލުހުން ބުނީ ފަޅުގައި އޮތް ލޯންޗެއްގެ ތެރޭގައި ބަޔަކު ބަނގުރާފުޅިތަކެއް ގެންގުޅޭ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 17:50 އެހާކަންހާއިރު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ފުޅިތައް ހޯދާފައި ވަނީ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ހާޒިރުގައި އެ ލޯންޗު ތެރެ ބަލައި ފާސްކުރުމުގެ ތެރޭގައި ލޯންޗުގެ އެކި ތަންތާނގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
ފުލުހުން ބުނީ އެ ލޯންޗުގެ ތެރެއިން ފެނުނީ އެބްޒޮލިޔުޓް ވޮޑްކާ ބްރޭންޑުގެ 12 ފުޅީގެ ފޮއްޓަކާއި ކިންގް ރޮބޯޓް ވޮޑްކާ ބްރޭންޑްގެ ފުޅި އަކާއި އައިރިޝް ޖޭމްސަން ވިސްކީ ބްރޭންޑުގެ ދެ ފުޅީގެ އިތުރުން ރަޝިއަން ސްޓޭންޑާރޑް ވޮޑްކާ ބްރޭންޑުގެ އެއް ފުޅި ކަމަށެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ދެ އަހަރެއްގެ ތެރޭގައި މާލެ ތެރެ އަކީ އެންމެންނަށް އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއި ހިކި މަސްތުވާ ބާވަތްތައް ވަނީ އަތުލައިފަ އެެވެ.