ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގެ ފުރަތަމަ މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށް މުބާރަތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ކުލަބް އީގަލްސްއާ ވާދަކޮށް 61 ޕޮއިންޓު 53 ޕޮއިންޓުންނެވެ.

ރޭގެ މެޗުގައި ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ދިފާއު ކުރި މުހައްމަދު ހަސަން އެވެ. އޭނާ ވަނީ މެޗުގައި 17 ޕޮއިންޓު ހޯދައިދީފަ އެވެ. އަދި މެޗުން ބަލިވި އީގަލްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އަބްދުﷲ ފިރުޝާން އެވެ. އޭނާ ވަނީ މެޗުގައި 18 ޕޮއިންޓު އީގަލްސްއަށް ހޯދައިދީފަ އެވެ.

މުބާރާތުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ އެމްއެސްއެޗްއެޗްއެސްއޭ އާއި ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ޕޮލިސް ކުލަބާއި ކުލަބް އީގަލްސްއާއި އެމްއެސްއެޗްއެޗްއެސްއޭ އަދި ވީ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދެއްގައި ހިމެނޭ ޓީމްތަކަކީ ޑީ ބާސްކެޓް ބޯލް ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބް އަދި ދަ ބައުސް ސްޕޯޓްސް ކުލަބެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މިމަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އަދި މުބާރާތުގެ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމާއި ގްރޫޕް ދޭއްގެ އެއް ވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން މޮޅުވާ ޓީމަކާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.