13 May 2013, 10:20
ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ގ. އައިމަ އަހްމަދު އަބްދުލްއަޒީޒު އަށް އެގްރިކަލްޗާ މިނިސްޓްރީން ދޫކޮށްފައިވާ ގއ. ފުނަދޫގެ ލީސްރެންޓާއި ޖޫރިމަނާގެ ފައިސާ މީރާ އަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގއ. ފުނަދޫގެ ލީސްރެންޓު ދައްކަން ޖެހޭ ތާރީޚަށް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.6 މިލިއަން ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެ ފައިސާ ދެއްކުމުގައި އަހްމަދު އަބްދުލް އަޒީޒު އަށް ލުއިގޮތެއް ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނަމަވެސް އެ ފައިސާ ދައްކަން ޖެހޭނީ މީރާ އިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވާ އެ ކަންކަމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތަކާ އެކު ދައުލަތުގެ މުއައްސަސާއަކުން ހެދިފައިވާ އެގްރީމެންޓެއްގެ ދަށުން ދައުލަތަށް ބަލައިގަންނަ ފައިސާއާ ގުޅޭ އެގްރީމެންޓަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން އެފަރާތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން އެ މުއައްސަސާއަކުން މީރާ އަށް ހުށަހަޅައި ކަށަވަރުކުރަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިޔުލާއެއްގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެ ފައިސާ ދެއްކުމުގައި އަހްމަދު އަބްދުލް އަޒީޒު އަށް ލުއިގޮތެއް ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއިރު އެ ސާކިއުލާގައި ބުނެފައިވާ ގޮތަށް އަމަލުކޮށްފައިނުވެ އެވެ.