13 May 2013, 10:16
ފަސޭހަކަމާ އެކު ސްވިޒަލޭންޑްގެ ސްޓަނިސްލާސް ވަވްރިންކާ ބަލިކޮށް ސްޕޭންގެ ރަފައެލް ނަޑާލް ތިންވަނަ ފަހަރަށް މެޑްރިޑް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.
ނަޑާލްގެ އެންމެ ކާމިޔާބު ކްލޭ ކޯޓްގައި ކުޅުނު މެޑްރިޑް އޯޕަން ފައިނަލަކީ މި އަހަރު ނަޑާލް ކާމިޔާބުކުރި ފަސް ވަނަ މުބާރާތެވެ. ވަވްރިންކާ އާއި ދެކޮޅަށް ކުޅެ އެއް ގަޑިއިރާއި އެގާރަ މިނެޓް ތެރޭގައި ނަޑާލް ސެޓްތައް ކާމިޔާބުކުރީ 6-2، 6-4 އިންނެވެ.
"މިއީ އަނިޔާއަށް ފަހު އަހަރެން ކުޅެން ނުކުތުމަށް ފަހު ލިބުނު ހާއްސަ ކާމިޔާބު. މެޑްރިޑްގައި ކުޅުމަކީ އަހަރެން އަބަދު ވެސް އެދޭ ކަމެއް. މިމުބާރާތަކީ އަހަރެން ކާމިޔާބުކުރަން ވަރަށް ބޭނުންވާ މުބާރާތެއް." ނަޑާލް ބުންޏެވެ.
އެގާރަ ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ނަޑާލް އަތުން ނަވްރިންކާ ކުޅުނު ނުވަ ފަހަރު ވެސް ނިންމާލަން ޖެހުނީ ނާކާމިޔާބީއަކާ އެކު އެވެ. މެޑްރިޑް އޯޕަން މުބާރާތަށް ފަހު، ދެން ނަޑާލް މަސައްކަތްކުރަން ޖެހޭނީ ފްރެންޗް އޯޕަން މުބާރާތުގެ ތަށި ދިފާއުކުރެވޭތޯ އެވެ.
"މިހާރު އަހަރެން މިހިރީ މެޑްރިޑްގައި. އަދި ދެހަފްތާ ފަހުން އަހަރެން ހުންނާނީ ރޯމްގައި. އެތަނުގައި އަހަރެން ވިސްނާނީ ރޯމްއާ މެދު. ރޮލެންޑް ގަރޮސްއާއި މެދު ނުވިސްނާނަން. އެވަގުތު އައުމުން އަހަރެން ރޮލެންޑް ގަރޮސް އާ މެދު ވިސްނާނަން. ނަމަވެސް އެ މުބާރާތަކީ ހަމައެކަނި މުބާރާތެއް ނޫން." ނަޑާލް ބުންޏެވެ.
ރޭގެ ފައިނަލް މެޗަށް ވަވްރިންކާ ދަތުރުކުރީ ނުވަ މެޗު ކާމިޔާބުކުރުމަށް ފަހު އެވެ. މިމުބާރާތަށް ވަވްރިންކާ ނުކުތީ މިދިޔަ ހަފްތާގައި ޕޯޗުގަލް އޯޕަން ކާމިޔާބުކުރުމަށް ފަހު އެވެ. އެ ތައްޓަކީ ވަވްރިންކާގެ ހަތްވަނަ ތައްޓެވެ. ނަޑާލް އަތުން ބަލިވި ނަމަވެސް ފަސްއަހަރަށް ފަހު ފުރަތަމަ ފަހަރަށް ރޭންކިންގްގެ ގަދަ ދިހައަކަށް ވަވްރިންކާ އަރާނެ އެވެ.