13 May 2013, 10:07
ރިޔާޟް (މޭ 13) : ސައޫދީ އަރަބިޔާ އިން ފެނިފައިވާ ކްރޯނާ ވައިރަސްއަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށްއަރައި އިންސާނުންގެ ތެރޭގައި ފެތުރިދާނެ ވައިރަސްއެއް ކަމަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ)ގެ އިސް ވެރިއެއް ކަމަށްވާ ކީޖީ ކުކޫޑާ ދެއްވައިފި އެވެ.
ކްރޯނާ ވައިރަސްއާބެހޭ ތަޙްލީލްތައް ކުރުމަށްޓަކައި ޑަބްލިޔޫއެޗްއޯގެ ތަޖްރިބާކާރުންގެ ޓީމަކާއެކު ސަޢޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ކީޖީ ކުކޫޑާ ވިދާޅުވީ ސައޫދީ އަރަބިޔާއިންނާއި ޔޫރަޕުން މިހާތަނަށް ފެނިފައިވާ ކްރޯނާ ވައިރަސް ޖެހިފައިވާ މީހުން ޙާލަތްތައް ބަލައި ދިރާސާކުރި އިރު އެވައިރަސް ފެތުރެމުން ދަނީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ބީދައިންކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށާ މިކަމާމެދު ވަރަށް ކަންބޮޑުވާންޖެހޭކަމުގަ އެވެ.
ކްރޯނާ ވައިރަސްއަކީ ނުރައްކާތެރި ވައިރަސް އެއް ކަމަށްވާ "ސާސް" ވައިރަސްއާ އެއްޢާއިލާއެއްގެ ވައިރަހެއް ކަމަށް ޑަބްލިޔޫއެޗްއޯ ބުނެ އެވެ. ކްރޯނާ ވައިރަސް ޖެހިފައިވާ 15 މީހަކު ސައޫދީ އަރަބިޔާއިން މިހާތަނަށް ފެނިފައިވާ އިރު މީގެތެރެއިން ނުވަ މީހަކުވަނީ މަރުވެފަ އެވެ. މީގެތެރެއިން އެންމެފަހުގެ ދެމީހުން މަރުވެފައި ވަނީ އިއްޔެ އެވެ. ކްރޯނާ ވައިރަސް ޖެހިގެން ދެތިން ހަފްތާތެރޭގައި ސަޢޫދީ އަރަބިޔާއާއި ޔޫރަޕުން ފާއިތުވި ދެތިން ހަފްތާތެރޭގައި 18 މީހަކު މަރުވެފައިވެ އެވެ.
ކްރޯނާ ވައިރަސް ނިސްބަތްވަނީ "ސާސް" އާއިލާއަށެވެ. "ސާސް" ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2003 ވަނަ އަހަރު ރަޝިޔާއިންނެވެ. އެއަށް ފަހު ދުނިޔޭގެ އެތަށް ގައުމެއްގައި މިވައިރަސް ފެތުރި 775 މީހަކު ވަނީ މަރުވެފަ އެވެ. (ނޫސްއެޖެންސީތައް)