ލާހޯރު (މޭ 13): މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކުރިހޯއްދެވި "ޕާކިސްތާން މުސްލިމް ލީގް - ނަވާޒް"ގެ ޒަޢީމް އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ނަވާޒް ޝަރީފް، މި މަޝްވަރާތައް ފައްޓަވާފައި މިވަނީ ޕާލަމެންޓްގެ 272 ގޮނޑީގެ ތެރެއިން 115 ގޮނޑި، އޭނާގެ ޕާޓީން ކާމިޔާބުކުރިކަން ނުރަސްމީ ވަގުތީ ނަތީޖާއިން ހާމަވުމާގުޅިގެންނެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމަށް ރައީސް ޢަސިފް އަލީ ޒަރުދާރީ ނަވާޒް ޝަރީފުގެ ކިބައިން އަދި އެދިވަޑައިގެންފައެއް ނުވެ އެވެ. އެއީ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ރަސްމީ ގޮތެއްގައި އަދި ނަތީޖާ އިޢްލާންކޮށްފައިނުވާތީ އެވެ. ނަވާޒް ޝަރީފުގެ ޕާޓީއާ ގާތްކުރާ މިންވަރަކަށް ވެސް އެހެން ޕާޓީއަކަށް ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ކުރެވިފައިނުވާ ކަމަށްވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ކަމަށް ޚަބަރުލިބެނީ ޕާކިސްތާނުގެ ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާންގެ "ތަހްރީކޭ އިންސާފު" ޕާޓީންނެވެ. އެ ޕާޓީން ޕާލަމެންޓްގެ 30 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. ޢިމްރާން ޚާންވަނީ ނަވާޒް ޝަރީފް އާ ފޯނުން ގުޅުއްވައި އިންތިޚާބު ކާމިޔާބުކުރައްވާފައި ވާތީ ނާވާޒް ޝަރީފަށާއި އޭނާގެ ޕާޓީއަށް މަރްޙަބާ ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ރައީސް އާސިފް އަލީ ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އުޅެނީ ޢިމްރާން ޚާންގެ ޕާޓީއަށް ވުރެ ވެސް ފަހަތުގައި ކަމަށްވެ އެވެ.

އެހެންކަމުން ނަވާޒް ޝަރީފް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާއިރު މައި އިދިކޮޅު ލީޑަރަށް ވެވަޑައިގަންނަވާނީ އިމްރާން ޚާން ކަމަށްވަނީ ބެލެވިފަ އެވެ. ޕާކިސްތާނުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަށްޓަކައި އެހެން ޕާޓީތަކާ ގުޅިގެން މަދުވެގެން އަދި 22 ގޮނޑި ނަވާޒް ޝަރީފުގެ ޕާޓީން ހޯދަންޖެހެ އެވެ.(ނޫސްއެޖެންސީތައް)