13 May 2013, 09:26
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް 2013"ގެ އިންޑިއަން އޯޝަން ކެޓަގަރީއަށް ހުށަހެޅި 33 އެވޯޑުގެ ތެރެއިން 22 އެވޯޑެއް ރާއްޖެ އިން ވާދަކުރި ފަރާތްތަކަށް ލިބިއްޖެ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން "އޮސްކާސް އޮފް ދަ ޓްރެވަލް އިންޑަސްޓްރީ"ގެ ނަން ދީފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ "ލީޑިން ޑެސްޓިނޭޝަން" އާއި "ލީޑިން ކްރޫޒް ޑެސްޓިނޭޝަން" އެވޯޑް ރާއްޖެ އިން ދިފާއުކޮށްފައިވާ އިރު މިފަހަރުގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އަކަށް ވެސް ހޮވިފައި ވަނީ ރާއްޖެ އެވެ. އަދި ހަމައެއާ އެކު މިފަހަރު ވެސް އިންޑިއަން އޯޝަން ކެޓަގަރީގެ ލީޑިން އެއާޕޯޓަކަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހޮވިފައިވާ އިރު އެ ކެޓަގަރީގެ ލީޑީން ޓޫރިސްޓް ބޯޑަކަށް ހޮވިފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑެވެ. ހަމަ އެހެންމެ އިންޑިއަން އޯޝަން ޓްރެވަލް އެންޑް ޓޫރިޒަމް ޕާސަނަލިޓީ އަށް ދޭ އެވޯޑު ހާސިލުކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލް ޣަފޫރު އެވެ.
ރޭގެ ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކާއި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރައީސް އަދި ފައުންޑާ ގްރެހަމް އީ ކޫކްއާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާއި ކެބިނިޓުގެ ބައެއް ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ބައިވެރިވާ މަޝްހޫރު ފަރާތްތަކަކުން ވަނީ ބައިވެރިވެފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ 20 ވަނަ އެނިވާސަރީ ފާހަގަ ކުރާ މި އަހަރުގައި އިންޑިއަން އޯޝަން ކެޓަގަރީގައި 33 އެވޯޑަކަށް ވާދަކޮށް ރާއްޖޭގެ ދަތުރުވެރިކަމާއި ފަތުރުވެރި ކަމުގެ ދާއިރާ އަށް ގިނަ އެވޯޑުތަކެއް ލިބިފައި މިވަނީ މަޑަގަސްކަރަ، މޮރިޝަސް، ރިޔޫނިއަން އައިލެންޑްސް އަދި ސީޝެލްސްއާ ވާދަކޮށްގެންނެވެ.
އިންޑިޔާ ކަނޑުގެ ލީޑިން ފެމިލީ ރިސޯޓަކަށް ލިލީ ބީޗް އެންޑް ސްޕާ ރިސޯޓް ހޮވުނު އިރު ލީޑިން ބީޗު ރިސޯޓަކަށް ހޮވިފައި ވަނީ ލަކްސް މޯލްޑިވްސް އެވެ. ލީޑިން ސްޕާ ނިއު ރިސޯޓަކަށް ކޮކޯ ޕްރިވޭ ކުޑަހިތި އައިލެންޑް ހޮވިފަވާ އިރު ލީޑިން ސްޕާ ރިސޯޓާއި އަދި ލީޑިން ލަގްޒަރީ ރިސޯޓަށްދޭ އެވޯޑް ހޯދާފައި ވަނީ ގިލި ލަންކަންފުއްޓެވެ. އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓު އެވޯޑާއި އެންމެ ރޮމޭންޓިކް ރިސޯޓަށްދޭ އެވޯޑު ބަރޮސް މޯލްޑިވްސްއަށް ލިބިފައިވާ އިރު އިންޑިޔާ ކަނޑުގެ ލީޑިން ގްރީން ރިސޯޓް އެވޯޑް ލިބިފައިވަނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާއަށެވެ. އަދި އިންޑިޔާ ކަނޑުގެ ލީޑިން ވޯޓާ ވިލާއަކަށް ޕެރަޑައިސް އައިލެންޑުގެ އޯޝަން ސޫޓް ހޮވިފައިވާ އިރު ލީޑިން ވިލާ ރިސޯޓް އެންޑް ސްޕާގެ އެވޯޑު ހާސިލު ކުރީ އަޔާދާ މޯލްޑިވްސް އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ރަސްމިއްޔާތުގައި ވޯލްޑް ޓްރެވަލް އެވޯޑުތައް ރާއްޖެއަށް ހޯދައި ދިނުމުގެ ޝަރަފު ހޯދި އެހެނިހެން ފަރާތްތަކުގެ ތެރޭގައި އިންޑިޔާ ކަނޑުގެ ލީޑިން ޓްރެވަލް އޭޖެންސީގެ އެވޯޑް ހޯދި، އެޓޯލް ޕެރަޑައިސްއާއި ލީޑިން ބުޓީކް ހޮޓެލްއަށްދޭ އެވޯޑް ހާސިލުކުރި އައިލެންޑް ހައިޑަވޭ ސްޕާ ރިސޯޓްސް އެންޑް މެރީނާއާއި ލީޑިން ލެއިޜާ އެވޯޑް ހާސިލް ކުރި ހުޅުލޭ އައިލެންޑު ހޮޓަލާއި، ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓަރަށްދޭ އެވޯޑު ހާސިލުކުރި ލެޓްސްގޯ މޯލްޑިވްސްއާއި ލީޑިން ކޮންފަރެންސް ހޮޓަލަކަށް ހޮވުނު ޕެރަޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ ހިމެނެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2013ގައި ހޮވި ރާއްޖޭގެލީޑިން ބުޓީކް ރިސޯޓަކަށް ހޮވިފައި ވަނީ، ހުވަފެން ފުއްޓެވެ. އަދި ލީޑިން ފެމިލީ ރިސޯޓަކަށް ޕެރަޑައިސް އައިލެން ރިސޯޓް އެންޑް ސްޕާ، ލީޑިން ގްރީން ރިސޯޓަކަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ، ލީޑިން ލެއިޜާ ހޮޓެލް ބްރޭންޑަކަށް ހޮވިފައިވަނީ ވިލާ ހޮޓެލްސް ހޮވިފައިވާ އިރު ލީޑިން ސްޕާ ރިސޯޓު ބްރޭންޑަކަށްވެސް ހޮވުނީ ވިލާ ހޮޓެލްސް އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވި ރާއްޖޭގެ ލީޑިން ރިސޯޓަކަށް ހޮވިފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ. އަދި ލީޑިން ސްޕާ ރިސޯޓަކަށް އަޔާދާ މޯލްޑިވްސް، ލީޑިން ލަގްޒަރީ ރިސޯޓަކަށް ގިލި ލަންކަންފުށި، ލީޑިން ވޯޓާ ވިލާ ރިސޯޓަކަށް ބަރޮސް ހޮވިފައިވާއިރު ރާއްޖޭގެ ލީޑިން ޓްރެވަލް އޭޖެންސީއަކަށް ހޮވިފައި ވަނީ، ގެޓް އިންޓު މޯލްޑިވްސް އެވެ. އަދި ރާއްޖޭގެ ލީޑިން ޓުއަ އޮޕަރޭޓަރަކަށް އެޓޯލް ޕެރަޑައިސް ހޮވިފައިވާ އިރު ރާއްޖޭގެ ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓަރަކަށް ހޮވުނީ ލެޓްސް ގޯ މޯލްޑިވްސް އެވެ.
ވޯލްޑް ޓުރެވަލް އެ ވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަހަރަކު އެއް ފަހަރު ދެމުން އަންނަ އެވޯޑެކެވެ. އަދި މި އެވޯޑަކީ ޓްރަވެލް އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ އެންމެ އަގުބޮޑު އެވޯޑުވެސްމެ އެވެ.