ހދ. އަތޮޅު ރަށެއްގައި ގަދަކަމުން ކުޑަ އަންހެން ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އަދި ބަންދާ މެދު ގޮތެއް ނިންމަން ކުޅުދުއްފުށީ ކޯޓަށް ގެންދިޔަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ އެމީހާ ދޫކޮށްލައިފި އެވެ.


މިކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް މައުލުމާތެއް ދެވެން ނެތް ކަމަށެވެ.


ސަންއެފްއެމް އޮންލައިނަށް މައުލުމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގދ. އަތޮޅުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އާ ގަދަކަމުން ބަދުއަލާގީ އަމަލު ހިންގާ ކަމަށް ޖެންޑާ މިނިސްޓްރީ ކުރި ރިޕޯޓަކާ ގުޅިގެން ތަހުގީގު ކުރުމަށް ފަހު އެވެ.


ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒު ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން އިއްޔެ މީހަކު ހާޒިރު ކުރި ކަމަށާއި ނަމަވެސް ކޯޓްތަކާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކޯޓުގެ ސިއްކަ ނެތި އެއްވެސް ލިޔުމެއް ކޯޓް އަމުރެއް ވެސް ނުނެރޭވެނެތީ އެ އެފަދަ ކޯޓު އަމުރެއް އިއްޔެ ނެރެދީފައި ނުވާނެ ކަމަށެވެ.


"އެއީ އެކަން މިވަގުތު ކުރެވެން އޮތް ގޮތް،" އިސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.


ކޯޓްތަކާ ބެހޭ ގާނޫނަށް އައި ބަދަލާ އެކު ޝަރީއަތްތައް ހިންގުމުގައި ވަނީ ބައެއް ވަގުތީ ދަތިތައް ދިމާވެފަ އެވެ.