ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމަލަކަށް އުދައަރައިފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ފުވައްމުލަކަށް ތިން ދިމާލަކުން 20 ފޫޓަށް އުދައަރާފައިވާ ކަމަށެވެ. އަދި އެ ރަށު ދަނޑިމަގު އަވަށުގެ ކާނުތަކަށް ލޮނުއެޅި ބައެއް ދަނޑުބިންތަކަށާއި ބައެއް ގޭގޭގެ ވަޅުތަކަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި މިހާރު ކާނުތައް ބެއްދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު ވިދާޅުވީ ލޮނުގެ އަސަރުކޮށްފައި ވަނީ އިރުމަތީ އަވަށު ހޭޅިފަށާ ކައިރީ ހުރި ދަނޑުތަކަށް ކަމަށެވެ. ނަމަވެސް ރޭގަނޑު ވަގުތަށްވާތީ ދަނޑުތަކަށް ގެއްލުންވި ވަރެއް ވިދާޅުވުމަށް ނޭނގޭ ކަމަށް ފަޒާދު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ދަންވަރު ދިޔަވަރު ބޮޑުވާ ވަގުތުގައި އެ ރަށަށް އުދައަރާނެ ކަމަށް ލަފާކުރެވޭތީ ސިފައިން އެ ރަށުގައި ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށެވެ.

މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް ސެންޓަރ (މެޓް) އޮފީހުން ބުނީ ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ވާރަވެހި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 އާއި 45 މޭލޭ ދެމެދުގެ ބާރުމިނަކަށް ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ބުނީ ފުވައްމުލަކަށް އުދައެރުން ފިޔަވައި އިތުރު ރަށަކުން އުދަ އަރައިގެން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.