ހޯމް މިނިސްޓަރުކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލު އަހްމަދު ވަކި ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަމިއްލަ މަސްލަތު އިސްކުރައްވައިގެން ކަމަށް ބުނެ ޕީޕީއެމް އިން ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ވަހީދަށް ދެއްވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިނުގެ ރަނިންމޭޓަކަށް ޑރ. ޖަމީލު ހަމަޖެއްސުމާ ގުޅިގެން ހޯމް މިނިސްޓަރު ކަމުން އެމަނިކުފާނު ވަކިކުރައްވާފައިވާ މައްސަލައިގައި އެ ޕާޓީން މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑރ. ޖަމީލް ވަކިކުރައްވާފައި ވަނީ ހަރުކަށި ގޮތަކަށް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ޕީޕީއެމް ކައުންސިލުން ފާސްކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޔާމިންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ކަނޑައެޅުމުން އެކަމަށް މަރުހަބާ ވިދާޅުވުމުގެ ބަދަލުގައި ރައީސް ވަހީދު އެމަނިކުފާނުގެ އަމިއްލަފުޅު އިންތިހާބީ މަސްލަހަތު އިސްކުރައްވާފައި ކަމަށެވެ.

"މިހާ އިހްލާސްތެރިކޮށް ޕީޕީއެމް އިން މަސައްކަތް ކުރަމުންދަނިކޮން ވެސް ގައުމީ މަސްލަހަތު ގުރުބާން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަމިއްލަފުޅު އިންތިހާބީ މަސްލަހަތު އިސްކުރެއްވި ކުރެއްވުމަކީ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ޕީޕީއެމްވެސް ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ،" އައްޑޫ ސިޓީގައި މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުގައި ފާސްކޮށްފައިވާ ބަޔާނުގައިވެ އެވެ.

ޕީޕީއެމް ކައުންސިލުން ނިންމާފައިވާ ނިންމުން ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސްތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ ޑރ. ޖަމީލު ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ހުންނަވައި ކެބިނެޓްގައި މަސައްކަތް ކުރެއްވުމަކީ މަސްލަތު އޮންނަ ކަމެއް ކަމަށް ގަބޫލުކުރައްވާނަމަ ރައީސް ޑރ. ވަހީދު އިސްތިއުފާ ދެއްވުން "މާ ރަނގަޅުވާނެ" ކަމަށެވެ.

"ޖަމީލް ވަކި ކުރައްވަމުން ވިދާޅުވެފައި މި އޮންނަނީ ޖަމީލް ރަނިންމޭޓަކަށް ހުންނަވައިގެން ކެބިނެޓްގައި މަސައްކަތް ކުރައްވާ ކަމަށްވާނަމަ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް. އެގޮތުން ޖަމީލް އިސްތިއުފާ ދެއްވުމަށް ރައީސް ވަހީދު އަންނަގަވާފައިވާއިރު އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ރައީސް ކަމަށް ކުރިމަތިލައްވާ ކަމުގައިވާނަމަ އަދި މާ ބޮޑަށް ފުށުއަރަ އޭ. އެހެންވީމަ އެ ވިސްނުމުގައި މާ ރަނގަޅުވާނެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވިއްޔާ. އެހެންވީމާ އެއީ އެއްވެސްތާކުން ތާކުން ޖެހޭ ވާހަކައެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ރައީސް ވަހީދު ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވަނީ ކެމްޕޭން ކަމަށާއި ޕީޕީއެމްއިން ރައީސް ވަހީދުގެ ދަތުރުތަކަށް ދެން އެއްބާރުލުން ނުދެއްވާނެ ކަމަށެވެ.

"ސަތޭކަ ޕަސެންޓް ރިޔާސީ އިންތިހާބު ކެމްޕޭން އެ ކުރައްވަނީ ދައުލަތުގެ ފައިސާއާއި މުދާ ބޭނުންކޮށްގެން. މި ވާހަކަ އެންމެ ކުރިންވެސް ދައްކާފައިވަނީ މި ޕާޓީގެ އޮފީހުގައި. ރައީސުލް ޖުމްޙޫރިއްޔާ ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޕާޓީގެ ޖަހަގައެއް ހުޅުވި ދުވަހެއްގައި،" މަހުލޫފް ވިދާޅުވި އެވެ.

ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތައް ހުއްޓުވުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލުން ނިންނާފައި ވަނީ ރައީސް ވަހީދު އަމިއްލަ މަސްލަހަތު އިސްކުރެއްވި ނަމަވެސް އިންތިހާބު އަންނަންދެން އެމަނިކުފާނުގެ ސަރުކާރު ދެމެހެއްޓުމުގައި މަސައްކަތް ކުރަން ކަމަށް ވެސް މައުހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކުރަނީ ގައުމު. ރައްޔިތުން. އެހެންވީމަ މިއަދު އަޅުގަނޑުމެންގެ ނިންމުމަކީ ރިޔާސީ އިންތިހާބާއި ހަމައަށް ދަންދެން ރައީސް ވަހީދުގެ ވެރިކަން ދެމެހެއްޓުން. އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތަކީ ރައީސް ނަޝީދު ވެރިކަމަށް އަޔަ ނުދީ ޕީޕީއެމް ވެރިކަމަށް އައުމަށް ކުރިމަސައްކަތް. އަޅުގަނޑުމެނަށް ޔަގީން ހަތެއް ފެބްރުއަރީގެ ފަހުން ރައީސް ވަހީދުގެ ވެރިކަން ނިމުނީ. އެކަމާއިމެދު އަޅުގަނޑުމެން ޝައްކެތް ނުކުރަން،" މަހުލޫފް ވިދާޅުވި އެވެ.