12 May 2013, 18:04
ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް ކަޕުގެ ހަތަރު ވަނަ މެޗް ވެސްޓް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް ހަތް ވިކެޓުން މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ޓޮސް ދިމާވުމުން ވެސްޓު ސްޕޯޓްސް ކުޅެންއަރާ 17.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 68 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 11 ލަނޑުހެދި ހުސެން ފަތީންއެވެ. މާލޭ ސްޕޯޓްސް ކުލަބުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރު 20 ލަނޑަށް ތިން ވިކެޓް ނެގި މުހައްމަދު މަހުފޫޒެވެ.
ޖަވާބުގައި މާލެ ސްޕޯޓްސް ކުޅެންއަރާ 9.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 89 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 34 ލަނޑުހެދި އަބްދުﷲ ޝާހިދުއެވެ. ވެސްޓު ސްޕޯޓްސް ކުލަބުން ވިކެޓް ނެގީ ދެ އޯވަރު ދެ ލަނޑަށް ދެ ވިކެޓް ނެގި އީސާ ސާދާތުއެވެ.
މިއަދުގެ މެޗުން މާލޭ ސްޕޯޓްސް މޮޅުވުމުން އެ ޓީމް ވަނީ ހަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރިއަށް ޖެހިލާފަ އެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާ ދެޓީމަކީ އެމްއެސް އެކަޑަމީ އާއި ނިއުސްޓާ އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މެންދުރު 2:45 ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.