ނަސީބު ދެރަ މީހުން (ފަގީރުން)ނާއި މުއްސަނދިންނާ ދެމެދު އޮންނަ ފަރަގު ބޮޑުވުމުން އިޖުތިމާއީ ހަމަނުޖުހުމާއި ރުޅިވެރިކަމާއި ޝައްކުތަކާއި ރުޅިވެރިކަން އުފެދޭ ކަމަށާއި އެތަފާތު ކުޑަކުރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީން އެކުލަވާލި އިންސާނީ ތަރައްގީއާ ބެހޭ ދިރާސާ ރިޕޯޓް "ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓް 2013" ރާއްޖޭގައި އާއްމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މުސްތަގުބަލަށް ކަންތައްތައް ރާވާއިރު އަދި ގާނޫނުތައް ހަދާ އިރު މުއްސަނދިންނާއި "ނަސީބު ދެރަ މީހުން"ގެ ތަފާތު ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މުސްތަގުބަލަށް އަޅުގަނޑުމެން ޕްލޭން ކުރާއިރު، ގާނޫނުތަކާއި ގަވާއިދުތައް ހަދާއިރު މި ދެބައި، (ފަގީރުންނާއި މުއްސަނދިން)ގެ ތަފާތު ވީހާ ވެސް ކުޑަކުރުމަކީ ވަރަށް މުހިއްމު ކަމެއް، އެހެނީ މިދެބައިގެ ތަފާތު ބޮޑު ވުމަކީ މުޖުތަމައުގައި ހަމަނުޖެހުމާ ޝައްކުތަކާއި ރުޅިވެރިކަން އުފެދޭނެ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެކަންތައްތަކަކީ ކޮންމެ ގައުމަކަށް ވެސް ގޯސް ކަންތައްތަކެއް ކަމަށާއި އެތަފާތު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުޑަކުރުމަށް ދުނިޔޭގައި މިހާރު ގެންގުޅޭ އެންމެ ރަނގަޅު އުސޫލަކީ ރަނގަޅު ޓެކްސްގެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

"ޒަމާނީ މުޖުތަމައުތަކުގައި، ސިވިލައިޒްޑް ދުނިޔޭގައި ، އަމަލުކުރާ އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ޓެކްސް ނިޒާމެއްގެ ދަށުން އެ ތަފާތު ކުޑަކުރުން، ރާއްޖޭގައި މިއަދާ ހަމައަށް ވެސް ރަނގަޅު ޓެކްސް ނިޒާމެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އާބާދީ އެއްފަސް ކުރުމުގެ މުހިއްމު ކަމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރިހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ގެނައުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ޔޫއެންޑީޕީން މިއަދު އާއްމުކުރި ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓްގައި ރާއްޖެއިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ވާއިރު ފާއިތުވި 10 ވަރަކަށް އަހަރު ދުވަސް ތެރޭގައި ރާއްޖޭން ހޯދާފައިވާ ބައެއް ކުރިއެރުންތައް ވެސް ފާހަގަކޮށްފައި ވެއެވެ.