12 May 2013, 17:07
ހައްދުފަހަނާ އަޅާދިއުމާއި ހަރުކަށިކަން ނޫން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ރައްޔިތުނަށް ދިނުމަށް ގައުމީ އެއްބައިވަންތަކަމަށް ތާއިދުކުރާ ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރަން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާކަން އިއުލާން ކުރުމަށް ޓީވީއެމްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ވިދާޅުވީ ތިން ވަނަ ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ރައްޔިތުނަށް ދޭން ޖެހޭ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އެނގިގެންދިޔައީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ރައްޔިތުން ބޭނުންނުވާކަން ފާހަގަ ކުރައްވަމުން ތަސްމީން ވިދާޅުވީ އޭގެ ފަހުން ރައްޔިތުން އިންތިހާބުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވެރިކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވުނު ކަމަށާއި އެހެންކަމުން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ތިން ވަނަ ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ރައްޔިތުނަށް އޮންނަން ޖެހޭނެ ކަމަށެވެ.
"ހައްދު ފަހަނައަޅާދިއުމާއި ހަރުކަށިކަން ނޫން އެހެން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ޑީއާރުޕީ އަކީ ހައްދުފަހަނާއަޅާ ދިއުން އަދި ހަރުކަށިކަން ގަބޫލުކުރާ ޕާޓީއެއް ނޫން. ޑީއާރުޕީއަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާއިދުކުރާ ޕާޓީއެއް. ގައުމީ އެއްބައިވަންތަކަމަށް ތާއިދުކުރާ ޕާޓީއެއް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ރައީސް ޑރ. ވަހީދާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކާއި އަދި ޑީއާރުޕީން ރިޔާސީ އިންތިހާބުގައި ނިކުމެއްޖެ ނަމަ ރައްޔިތުނަށް ލިބެންވާ "ހަގީގީ ފުރުސަތު" ނުލިބި މާޒީ އިއާދަ ވެގެންހިނގާދަނެ ކަމަށެވެ.
ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ނިންމުމަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވީ ޑީއާރުޕީން ނިންމީ ޑީއާރުޕީގެ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަތު އިސްކުރަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށް ވުމަކީ "ހަމަޖެހޭ ކަމެއް ކަމަށް" ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދާ އެކު ޑީއާރުޕީން ކޯލިޝަން ހަދަން ނިންމާފައިވާ އިރު ގައުމީ ޕާޓީންނާއި އަދާލަތު ޕާޓީން ވެސް ވަނީ ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދަން ނިންމާފަ އެވެ.