އިންޑިޔާގެ ކަލޮކަތާގައި މިއަދު މެންދުރު ފަހު ނިމިގެންދިޔަ ފަސް ވަނަ އޭސިއަން ކެރަމް ޗެމްޕިއަންސިޕްގައި ދިވެހި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމް ލޯމެޑަލް ހޯދައިފި އެވެ.

ސާކުގެ ހަ ގައުމުގެ އިތުރުން ޖަޕާނާއި ކޮރެއާ އާއި މެލޭސިއާ އަދި ޔޫއޭއިން ވާދަކުރި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި ދިވެހި ކެރަމް ޓީމް ގައުމުން ބޭރުގައި އެންމެ ފަހުރުވެރި ކަމިޔާބީ ހޯދައިފައެވެ.

މި މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތަކަށް ބަލާއިރު ހުރިހާ ޑަބަލްސް އިވެންޓް ތަކުން ދިވެހި ޕެއާތައްވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ފިރިހެން ޑަބަލްސް އިވެންޓުން ތިން ވަނަ ހޯދައިފައި ވަނީ ޝާފީ މުހައްމަދާއި ހަސަން ނާޒިމެވެ. އަދި އަންހެން ބައިން ތިން ވަނަ ހޯދީ އައިމިނަތު ފައިނާޒް އާއި އައިމިނަތު ވިޝާމާއެވެ. އަދި މިކްސްޑަބަލްސް އިވެންޓުން ހަސަން ޝާމިން އާއި އާމިނަތު ނިފާޝާ ވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. ފިރިހެން އަދި އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި އިންޑިއާ އަދި ލަންކާ ކުޅުންތެރިންނާއި ވާދަކޮށް ދިވެހި ކުޅުންތެރިން ވަނީ ބަލިވެފައެވެ.

އޭސިއަން ޗެމްޕިއަން ޝިޕްގައި އަންހެން ސިންގަލްސް އިވެންޓުގެ ހަތް ވަނަ މަގާމް ހޯދީ އައިސަތު ފައިނާޒެވެ. އަށް ވަނަ މާގާމް ހޯދީ އާމިނަތު ވިސާމާ އެވެ. ފިރިހެން ސިންގަލްސް އިވެންޓުގެ ހަ ވަނަ މަގާމް ހޯދީ ހަސަން ޝާމިން އެވެ. އަދި އަށް ވަނަ މަގާމް ހޯދީ ހަސަން ނާޒިމް އެވެ.

މިމުބާރަތުގެ އެއް ދުވަސް ކުރިން ނިމިގެން ދިޔަ 17 ވަނަ ސާކު މުބާރާތުގައި ރާއްޖޭގެ ދެ ޓީމުން ވަނީ ބްރޯންޒް މެޑަލް އާއި ހަ އިންޑިވިޖުއަލް ބްރޯންޒް މެޑަލް ހޯދައިފައެވެ. މި ދެ މުބާރތުގެ ކާމިޔާބީއަށް ބަލާއިރު މިއީ ދިވެހި ކެރަމް ޓީމުތައް މިހާތަނަށް ހޯދާފައިވާ އެންމެ ރަނަގަޅު އެއް ކާމިޔާބެވެ.

ދިވެހި ކެރަމް ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.