ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މަރާލި ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާ ތިން މީހުންގެ ތެރެއިން ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުގެ ދިފާއުގައި އޭނާގެ ދައްތަ ހެކިބަސްދީފި އެވެ.

މުހީތު މަރާލިކަމަށް ތުހުމަތުކުރެވޭ ތިން މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުޝައްފައުގެ ދައްތަ ފާތިމަތު ނުޒުހާ އ.37 ބުނެފައި ވަނީ މުހީތު މަރާލި ރޭ 10:00 އާއި 11:30 އާ ދެމެދު މުޝްފައުގެ ގެއަށް އައިކަމަށާއި އޭގެ ފަހުން 3:00 ހަމައަށް ގޭގައި މުޝައްފައު އޮތްކަން ޔަގީންވާ ކަމަށެވެ.

އަދި އޭނާ އަށް އެކަން އިނގެނީ އެނާ އެރޭ 3:00 ހަމައަށް ގޭގެ ސިޓީންރޫމްގައި ޓީވީ ބަލަން ކަމަށާއި އެރޭ ޓީވީ ބަލަން އޭނާގެ ފިރިމީހާއާއި އޭނާގެ މަންމަ ވެސް ތިބި ކަމަށެވެ.

ނުޒުހާ ބުނީ އެގެއަކީ ފަސް ބުރީގެ އިމާރާތެއް ކަމަށާއި ސިޓިންރޫމްގައި ނިކުމެގެން ނޫނީ ގެއިން ބޭރަށް ނުނިކުމެވޭނެތީ އެރޭ 10:00 އާއި 11:30 ދެމެދުގައި ގެއަށް އައުމަށް ފަހު 3:00 ހަމައަށް ގެއިން ނުނިކުންނަކަން އޭނާ އަށް އިނގޭ ކަމަށެވެ. އަދި އޭނާ ގެއަށް އައިގަޑި އޭނާގެ މަންމަ އަށާއި އޭނާ ފިރިމިހާ އަށް ވެސް އިނގޭނެ ކަމަށް ނުޒުހާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފަ އެވެ.

މުހީތު މަރާލި ވަގުތު އޭނާ އެތަނުގައި ނޫޅޭކަން ސާބިތުކޮށް ދިނުމަށް މުޝައްފައު ވަނީ ދިފާއީ ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހަޅާފައިވެ އެވެ. އެއީ އޭނާގެ މަންމަ އާއި ބައްޕަ އާއި ދައްތަގެ އިތުރުން މުހީތު މަރާލިރޭ އޭނާގެ ގޭގައި އުޅުނު މީހުންނެވެ.

މިއަދު ޝަރީއަތުގައި ވަނީ މުހީތުމަރާލި ކަމުގެ ދައުވާ ލިބޭ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހްމަދު ނާސިހް އަށާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނަށް ދިފާއީ ހެކިން ހުށަހެޅުމަށް އިތުރު ހަތް ދުވަސްދީފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މުހީތުގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާ ގުޅިގެން ދެ ކުއްޖެއްގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅާ އެ ދެ ކުދިން މަރަން ވަނީ ހުކުމްކޮށްފަ އެވެ.