25 Oct 2010, 10:16
ބޮޑު އީދު ބަންދަށް ސަރުކާރު ބަންދުކުރާ 10 ދުވަހު ބޭންކްތައް ވެސް ބަންދުކުރާ މައްސަލަ ކުށްވެރިކޮށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް (އެމްއެމްއޭ) އަށް ޝަކުވާގެ ސިޓީއެއް ފޮނުވައިފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ސަން އޮންލައިނަށް މައުލޫމާތު ދައްވަމުން ވިދާޅުވީ "ސަރުކާރު ބަންދުވި އަސް ކޮމާސް ނުހުއްޓޭނެ" ކަމަށާއި އެހެންކަމާ އެކު އެ މުއްދަތުގެ ތެރޭގައި ބޭންކްތައް ހުޅުވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދި ފޮނުއްވި ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީ އަކީ ވިޔަފާރިވެރިންނާ ވާހަކަދެއްކުމަށް ފަހު ފޮނުވާފައިވާ ސިޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެވްރީބޮޑީ ހޭޒްޓު ސްލީޕް އީޓް އެންޑް ޑްރިންކް [ކޮންމެ މީހަކަކު ވެސް ނިދައި ކައިބޮއި ހަދަން ޖެހޭނެ] އެހެންވީމާ ސަރުކާރު ބަންދު ވިއަސް ކޮމާހެއް ނުހުއްޓޭނެ. ބޭންކުތައް ބަންދު ވެއްޖެ ނަމަ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވާނެ. އެހެންވީމާ އަޅުގަނޑުމެން ވިޔަފާރިވެރިންނާ ވާހަކަ ދައްކާފައި ސިޓީ ފޮނުވީ އެކަން ކުށްވެރި ކުރުމަށް" އާސިފް ވިދާޅުވި އެވެ.
ބޮޑު އީދު ބަންދަށް ސަރުކާރު ބަންދުވާ 10 ދުވަހަށް ހުރިހާ ބޭންކެއް ވެސް ބަންދު ކުރުމަށް އެމްއެމްއޭ އިން ނިންމާފައިވެ އެވެ.
އަންނަ ނޮވެމްބަރު 14 ވާ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި އެ ދުވަހުގެ ބަދަލުގައި ނޮވެމްބަރު 27 ވާ ހޮނިހިރު ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަންނަ މަހުގެ 14 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުން، ނޮވެމްބަރު 11ގެ ބަންދާއި ބޮޑު އީދުގެ ބަންދާ އެކު ސަރުކާރު މުވައްޒަފުންނަށް މެދުނުކެނޑި 10 ދުވަސް ޗުއްޓީގެ ގޮތުގައި ލިބެ އެވެ.