ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް ނަޝީދު ޖަވާބުދާރީ ވެވަޑައިގެންފިއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އިޖުރާއީ ނުކުތާތަކާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކައިފައެވެ.

ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެމަތިން ކަމަށް ޖޭއެސްސީން ބުނާއިރު، ސުޕްރީމް ކޯޓަށް އެއްވެސް ފަރާތަކަށް ގާނޫނީ ލަފާ ނުދެވޭނެކަން މީގެކުރިން އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ބުނެފައިވާ ކަމަށެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމޭނީ ޝަރުއީ ކޯޓުތަކަށް ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމުގެ ބާރު ހައިކޯޓަށް ލިބިގެންވާކަން އެކަމުން ވެސް އެނގިގެންދާކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާއިރު އެގޮތަށް ބެންޗު ކަނޑައެޅިދާނެ ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައި ނުވާ ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅައި ދިނުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޖޭއެސްސީ އަށް ފޮނުވި ފެކްސް މެސެޖަކީ ގާނޫނީގޮތުން ބުރަދަނެއް ހުރި އެއްޗެއް ނޫންކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އިޖުރާއީ ނުކުތާތަކަށް ޖަވާބުދާރީވެ ނިމުމުން ނަޝީދު ވިދާޅުވީ އިޖުރާއީ ނުކުތާތަކަށް ވަކިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރާއިރު އިޖުރާއީ ގޮތުން ޖޭއެސްސީން ފަހަގަކޮށްފައި ހުރި ނުކުތާތަކަށް ގޮތެއް ނިންމިދާނެ ކަމަށެވެ.

ޖޭއެސްސީގެ ވަކީލު ވިދާޅުވީ އެ ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާތަކުގެ ތެރޭގައި އެ މައްސަލަ އަކީ ހައިކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އެހެންކަމުން އަސްލު މައްސަލައާ ހަމައަށް ދެވޭނީ އިޖުރާއީ ނުކުތާތަކާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޖުރާއީ ނުކުތާތަކާ މެދު ވީހާ ވެސް އަވަހަށް ގޮތެއް ނިންމައިދިނުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީން ވަނީ އެދިފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީއެއްގައި އިޖުރާއީ ނުކުތާތަކާ މެދު ކޯޓުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.