ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުވާޒަށް ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދީފައިވާ ހދ. ހޮޑައިދޫ ކުއްޔަށް ދިނުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައި ވަނީ ހޮޑައިދޫގެ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ރަށް އެހެން ފަރާތަކަށް ކުއްޔަށްދީ، އަދި އެރަށް އަނބުރާ ކުރީގެ އަސްލު ހާލަތަށް ނުގެނެވިއްޖެ ނަމަ އެގޮތް ވެގެންދާނީ އިޔާދަ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ހޮޑައިދޫ ޔޮޓް ޓުވާޒް އަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން އެ ރަށް ކުއްޔަށް ނުދިނުމަށާއި އެ ރަށާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް އަންގައިފަ އެވެ. އަދި އެއްބަސްވުން ބާތިލުކުރިކަން އަންގައި ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ހޮޑައިދޫގެ މައްސަލާގައި ސިވިލް ކޯޓުން ދެވަނަ ފަހަރަށް ވަގުތީ އަމުރެއް ނެރެފައި މިވަނީ އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދަނިކޮށް ޔޮޓް ޓުވާޒް އިން ކޯޓަށް ހާޒިރުނުވެގެން ކޯޓުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހަޅައިގެންނެވެ.

ޔޮޓް ޓުވާޒް އަށް ފިޝަރީޒް މިނިސްޓްރީން 25 އަހަރަށް ކުއްޔަށް ދީފައިވާ ހޮޑައިދޫގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފްވެފައިވާ ކަމަށް ބުނެ 26 ނޮވެމްބަރު 2012ގައި ފިޝަރީޒް މިނިސްޓްރީން ވަނީ އެ ކުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކޮށް، 30 ދުވަހުގެ ތެރޭގައި ހޮޑައިދޫގައި ހުރި އެކުންފުނީގެ ހިފާ ގެންގުޅޭ މުދާ ބޭލުމަށް އަންގައިފަ އެވެ.

އެމައްސަލާގައި ޔޮޓް ޓުވާޒް އިން ކުރާ ދައުވާގައި އެކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާނުލެވޭނެ ކަމަށާއި ޔޮޓް ޓުވާޒްއާ އެކު ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެ އެވެ.