12 May 2013, 16:20
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން އުފުލާ ޝަކުވާތައް ބަލާ ތަހުގީގުކުރުމަށް އެމްޑީޕީއިން "ކޮމްޕްލެއިންޓްސް ކޮމިޓީ" އެއް އެކުލަވާލައިފި އެވެ.
އެމްޑީޕީއިން މިއަދު އެކުލަވާލި ކޮމްޕްލެއިންޓްސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންނަކީ ވެސް ގާނޫނީ ވަކީލުންނެވެ. އެބޭފުޅުންނަކީ އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީއާއި އަބްދުﷲ ހަސީން އަދި އަލްއުސްތާޛު މުހައްމަދު ފަރީދެވެ.
އެމްޑީޕީއިން މިއަދު ބުނީ މިކޮމިޓީއިން ބަލާނީ މިނިވަން މުއައްސަސާތަކުންނާއި އެންޖީއޯ ޖަމާއަތްތަކުންނާއި އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކުގެ އިތުރުން އާއްމު ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކަމަށެވެ.
މިއަދު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ފަރީދު ވިދާޅުވީ މިހާރުވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ގިނަ މައްސަލަތަކެއް މިހާރުވެސް އެބަ ފާހަގަކުރެވޭ. ވެރިކަމުގައި ހުންނެވި ބޭފުޅާ ދަނީ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ މުދަލުގެ ބޭނުން ކުރަމުން. ބައެއް އެހެން ކެންޑިޑޭޓުން ދަނީ އެކެންޑިޑޭޓުންނަށް ނިސްބަތްވާ ފަދަ ލޯގޯތަކެއް ޖެހި ސާމާނު ސްކޫލުތަކަށް ހަދިޔާކުރަމުން،" ފަރީދު ވިދާޅުވި އެވެ.
އެމްޑީޕީއިން ބުނީ އެ ކޮމިޓީއިން ބަލާ ޝަކުވާތަކަކީ ސައްހަ ޝަކުވާތަކެއް ނަމަ ގާނޫނުގައި އޮތް ގޮތުގެ މަތީން މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއި ކޯޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.