12 May 2013, 16:10
އެންޖޯއީ ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ހުސްވި އަހަރުގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އާއި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ޔުނައިޓެޑް ވިކްޓަރީންނެވެ. އެ ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސުޖާއު އެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހާ ޔުނައިޓެޑުން ލީޑް ނެނގި ކަމަކު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މަހިބަދޫއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑް ހަމަހަމަ ކޮށްފައެވެ. އެލަނޑު މަހިބަދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޖުނައިދެވެ. އަދި އިއްޔެގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މަހިބަދޫއިން ލީޑް ނެނގި ލަނޑު ވެސް މެޗުގެ ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖުނައިދެވެ.
އަދި އިއްޔެގެ މެޗުގެ 54 ވަނަ މިނިޓުގައި ޔުނައިޓެޑް ވިކްޓަރީއަށް ނަތީޖާ އެއްވަރުވީ މަހިބަދޫގެ ހިސާމް ސަލީމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ޔުނައިޓެޑް ވިކްޓަރީން އަލުން ލީޑު ހޯދީ 67 ވަނަ މިނިޓުގައި ސުޖާއު ޖެހި ލަނޑުންނެވެ.
އިއްޔެގެ މެޗުގެ 87 ވަނަ މިނިޓުގައި މަހިބަދޫގެ ޖުނައިދު ވަނީ މެޗުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށް، ހެޓްރިކެއް ހަދައިފަ އެވެ.
ދެވަނަ ޑިވިޝަންގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ރިވަސައިޑާއި ކްލަބް ގްރީން ސްޓްރީޓެވެ.
ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ޖުމުލަ ނުވަ ޓީމެކެވެ. ނުވަ ޓީމު ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނޭ ޓީމް ތަކަކީ ޔުނައިޓެޑް ވިކްޓަރީ އާއި މަހިބަދޫ ސްޕޯޓްސް ކުލަބާއި ކުލަބު ރިވަސައިޑް، ކުލަބް ގްރީން ސްޓްރީޓް އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދޭއްގައި ލައްވައިލި ޓީމުތަކަކީ، މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި، ވިޔަންސާ، ކުލަބް ޒެފްރޯލް، ކުލަބް ގާމަގު އަދި ސްޕޯޓްސް ކުލަބް މެކާނޯއެވެ.
ދެގުރޫޕްގެ މެދުގައި ލީގު އުސޫލުން ކުޅެ ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއް ދެވަނަ ބުރަށް ދާނެއެވެ. އަދި އެ ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ދާނެއެވެ. މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު އެންމެ ދަށް ނަތީޖާ ހޯދާޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ.