ކުރިއާ ހިލާފަށް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ކޮރަޕްޓް މީހުންގެ މައްސަލަތައް ބައްލަވައި ފިޔަވަޅު އަޅުއްވައި އަދި ވަޒީފާ އިން ވަކިކުރަން ޖެހޭ މީހުން ވަޒީފާ އިން ވަކިކުރައްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ކޮރަޕްޝަން މައްސަލަތަކުގައި ރައީސް ވަހީދު ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް ތައުރީފް ކުރައްވައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮޕަރްޝަންގެ ތުހުމަތުތައް އުފުލޭ ސިޔާސީ ބޭފުންނާ މެދު މީގެ ކުރީން ދުވަހަކު ވެސް އެފަދަ ފިޔަވަޅުތައް އަޅާފައި ނުވާތީ މިހާރު ފެންނަމުން މިދަނީ ވަރަށް ޕޮޒިޓިވް ނިޝާންތަކެއް ކަމަށެވެ.

"ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނާ މެދު މީގެ ކުރީން ދުވަހަކު ވެސް ކަންކަން ނުހިނގާ ގޮތް ގޮތަށް ރައީސް ވަހީދުގެ ވެރިކަމުގައި މިހާރު ކަންކަން މި ހިނގަނީ. މިއީ ވަރަށް ޕޮޒިޓިވް ސައިން އެއް. މައްސަލަ ޝަރީއަތަށް ނުފޮނުވާ ތިބި ބައެއް ފަރާތްތައް ވެސް އެފަދަ ތުހުމަތުތައް އުފުލުނީމާ އެބަހުރި ރައީސް ވަހީދު ފިޔަވަޅު އަޅުއްވާފައި،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ޚާއްސަ ގޮތެއްގައި ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާ އިން ވަކި ކުރުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ގޮތުން ވަޒީފާ ގެއްލޭ މީހަކަށް އެ މީހާގެ ހައްގު ހޯދަން ދަތުރު ކުރާނެ އެތައް މަގެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވައި ވަޒީފާ އިން ވަކި ކުރެއްވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮރަޕްޓް ވެފައިތިބި މީހުން ކަމަށެވެ.

"މީހަކު ވަކި ކުރުމަކީ ވެސް އެހާ ފަސޭހަ ކަމަކަށްނުވޭ. ސިވިލް ސާވިސް ވެއްޖެއްޔާ ހަމަ ވަކިކުރާއިރަށް ޓްރައިބިއުނަލް އަށް ގޮސްގެންނާއި އެއަށް ވުރެ މަތީ ކޯޓުތަކަށް ގޮސްގެން ވެސް ފަޒީފާދޭ ތަން ވެސް އެބަ އާދޭ. ނަމަވެސް އަޅުގަނޑުމެން އެ ގޮތަށް އެންގީމާ ސިވިލްސާވިސް އިން ވެސް ފިޔަވަޅު އަޅުއްވާފައި އެބަހުރި. މީގެ ކުރިއާ ޚިލާފަށް ސިޔާސީ ފަރާތްތަކަށް ރައީސް ވަހީދު އެބަހުރި ފިޔަވަޅު އަޅުއްވާފައި. އެ ގޮތުން 12 ވަރަކަށް މީހުން އަޅުގަނޑަށް އެނގިގެން ވެސް ބޯޑުތަކުންނާއި އެކި ކަންކަމުން މިހާތަނަށް ވެސް ވަޒީފާ އިން ވަކިކޮށްފައި އެބަހުރި." ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުންގެ މައްސަލަތައް އަދި ޝަރީއަތަށް ނުފޮނުވޭތީ އެ ބޭފުޅުންގެ އިތުރު ތަފްސީލެއް ލުތުފީ ނުދެއްވި އެވެ.

ރާއްޖޭގައި ގިނައިން ކޮރަޕްޝަންގެ ތުހުމަތުތައް އުފުލާފައި ވަނީ ވިޔަފާރި ވެރީންނަށާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބަވާ ސީނިއާ ބޭފުޅުންގެ މައްޗަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުނަކީ ވެސް ކޮރަޕްޓް މީހުންގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

މިދިޔަ އަހަރު ފާހަގަ ކުރި ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ނެރުއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އެންމެހާ މުވައްސަސާތަކާއި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އެކި ފެންވަރުގެ މުވައްޒަފުން، ފައިސާއަށާއި ތަކެއްޗަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުން ފަދަ އަމަލެއް ހިންގައިފި ނަމަ، އެކަމެއް ބަލައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.