12 May 2013, 15:51
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކު ޑީއާރްޕީން ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ރައީސް ވަހީދާއެކު ކޯލިޝަން ހެދުމަށް ނިންމީ މިއަދު މެންދުރުފަހު ޑީއާރްޕީގެ އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. ޑީއާރްޕީގެ އިސް އޮފިޝަލަކު ސަންއަށް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެ ނިންމުމާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.
ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމަށްފަހު މިއަދު ހަވީރު 4:30 ގައި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މީޑިޔާއަށް އެކަމާ ބެހޭ ގޮަތުން މައުލޫމާތުދެއްވާނެ އެވެ. ޓީވީއެމްގެ ސްޓޫޑިއޯގައި ބާއްވާ ޕްރެސް ކޮންފަރެންސް ދިޓީވީއާއި ވީޓީވީއާއި ރާއްޖެ ޓީވީން ލައިވް ކުރާނެ ކަމަށް ޑީއާރްޕީން ބުންޏެވެ.
ރައީސް ވަހީދާއެކު ޑީއާރްޕީން ކޯލިޝަން ހަދަން ނިންމެވިއިރު، ރައީސް ވަހީދުގެ ރަނިންމޭޓަކަށް ތަސްމީން ވެވަޑައިގަންނަވާނެ ކަމަށް އަޑުފެތުރިފައިވެ އެވެ.