12 May 2013, 15:42
ޔޫރަފްގެ ބައެއް ރެފްރީން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ދެކެ ބިރުގަންނަ ކަމަށް ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު)ގެ ކޯޗް ހެރީ ރެޑްނެޕް ބުނެފި އެވެ.
ރެޑްނެޕް ބުނީ ފާގަސަން ދެކެ ރެފްރީން ބިރު ގަންނަކަމާ މެދު ޝައްކު ނުކުރާކަމަށާއި އެކަން ހަމަ ޔަގީނުން ވެސް ރެފްރީންނަށް އެނގޭނެ ކަމަށެވެ.
"ރެފްރީން ފާގަސަން ދެކެ ބިރުގަނޭ. އަހރެން އެކަމާ އެއްވެސް ޝައްކެއް ނުކުރަން. ރެފްރީންނަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ،" ބީބީސީއަށް ދިންއިންޓަވިއުގައި ރެޑްނެޕް ބުނެފައި ވެއެވެ.
ރެޑްނެޕް ބުނީ، ފާގަސަންއަކީ އޭނާ ވަރަށް އިހްތިރާމް ކުރާ ކޯޗެއް ކަމަށެވެ. އަދި ފާގަސަން ދެކެ ރެފްރީން ބިރުގަންނަކަން އެންމެ ބޮޑަށް އެނގިގެން ދަނީ ބެންޗުން އޭނާ ތެދުވާ ވަގުތު ކަމަށް ވެސް ރެޑްނެޕް ބުނެފައި ވެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ފާގަސަން އެންމެ ފަހުން ފެންނާނެ މެޗަކީ މިމަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވެސްޓްބްރޮމް އަލްބިއަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައެވެ. އޭގެ ފަހުން ފާގަސަން ހުންނާނީ ޔުނައިޓެޑުގެ ބޯޑުގެ ޑައިރެކްޓަރު އަދި އެމްބެސެޑަރެއްގެ ގޮތުގައެވެ.
ފާގަސަންއަށް ފަހު ޔުނައިޓެޑްގެ ކޯޗްކަމަށް ދެން އަންނާނީ އެވަޓަންގެ ކޯޗު ޑޭވިޑް މޮއެސް އެވެ. އޭނާ އެމަގާމަށް އަންނަނީ ހަ އަހަރުދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ނެވެ. އަދި މޮއިސް ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.