12 May 2013, 14:42
އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ރޭ ވިގަން އެތުލެޓިކް އަތުން އެކެއް ސުމަކުން ބަލިވި މެޗަށްފަހު މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ އެ ޓީމުގެ އޮފިޝަލުންނަށް ފާޑުކިޔައިފިއެވެ.
މިސީޒަނަށްފަހު ސިޓީގެ ކޯޗުކަމުން މަންޗިނީ ވަކިކުރުމަށްފަހު ސްޕެއިންގެ މަލާގާގެ ކޯޗު މެނުއެލް ޕެލެގްރިނީ ގެންނަން އުޅޭ ކަމުގެ ވާހަ މީޑިޔާގައި ފެތުރިފައިވާއިރު މަންޗިނީ ބުނީ އެވާހަކަ ތަކަކީ ދޮގެއް ކަމުގައި ވާނަމަ އެކަން ހުއްޓުވުމަށް ނުވަތަ ދެތެއް ކަމުގައިވާނަމަ އެކަން ސާފުކޮށްދިނުމަށް ސިޓީއިން އެއްވެއް ކަމެއް ކޮށްފައި ނުވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
"ކަލޭމެން މީޑިޔާ މީހުން، ތިޔަ ވާހަކަތައް ލިޔާތާ މިހާރު ހަމަސް ދުވަސްވެއްޖެ. އަދި މި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވާހަކަ މާގަދައަށް އެބަ ދެކެވޭ. އަހަންނަކަށް ނުވިސްނުނު އެވާހަކަ ތަކަކީ ދޮގެއްނަމަ ދޮގުވާހަކައެއްކަން އަދި ތެދެއްނަމަ އެކަންވެސް އޮޅުފިލުވަދޭން ކުލަބުން މަސައްކަތް ކޮށްފައި ނުވަނީ ކީއްވެގެން ކަމެއް،" މީޑިޔާއާ ވާހަކަ ދައްކަމުން މަންޗިނީ ބުންޏެވެ.
މަންޗިނީ ބުނީ މި ސީޒަންގައި ކުލަބުގެ އަމާޒަކަށްވީ ލީގު ދިފާއު ކުރުން ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނީ އެންމެ ފަހުގެ ޓްރާންފާ މާކެޓަށްފަހު ޓީމުތަކަށް އައި ބަދަލާއެކު އެވަރުގެ ރަނގަޅު ބަދަލެއް ސިޓީއަށް ގެނެސްދީފައި ނުވާތީ ކަމަށެވެ.
ސްޕެއިންގެ ނޫސްތަކުން ބުނާގޮތުގައި ސިޓީއިން މިހާރުވަނީ ޕެލެގްރިނީ އާއެކު މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެވެ. އެކަމާގުޅޭ ގޮތުން މަންޗިނީ ބުނީ އޭނާއަށް އެކަހަލަ އެއްވެސް ކަމެއް އަދި ސިޓީގެ ފަރާތުން އެނގިފައި ނުވާކަމަށެވެ.
"އަހަންނަކަށް ނޭނގެ އެއީ ތެދެއް ކަމެއްވެސް އަދި ދޮގެއް ކަމެއްވެސް. އަހަންނަކަށް ހިޔެއްނުވޭ އެއީ ތެދެއް ހެނެއް. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ކަމެއްވެސް ނުވާނެއޭ ބުނާކަށް ނޭނގޭނެ. އެއީ ތެދެއް ކަމުގައިވިޔަސް އަދި ދޮގެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެނގޭނެ،" މަންޗިނީ ބުންޏެވެ.
މަންޗިނީ ބުނީ އޭނާ އެކަމާ ބެހޭގޮތުން ކުލަބާ ސުވާލު ކުރަން ބޭނުން ނުވާކަމަށާއި އަދި އޭގެ ބޭނުމެއްވެސް ނެތްކަމަށެވެ. އެހެން ނަމަވެސް އެފްއޭ ކަޕްގެ ފައިނަލްމެޗަށް ދަނޑަށް ނުކުތް ގަޑީގައި ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކާ މަންޗިނީ ކޮންމެވެސް ވާހަކަތަކެއް ދައްކާފައިވާތަން ފެނިގެން އެކަމާ ސުވާކުރުމުން ސިޓީގެ އިޓަލީ ކޯޗު ބުނީ، "ޗެއާމަން އަހަރެން ކައިރީ ހާސްނުވާށޭ ބުނިހެން ހީވޭތަ؟ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތެދު ދޮގު އެނގޭނެ. އެއީ ތެދެއް ކަމުގައި ވެއްޖިޔާ ކަލޭމެން ވޭތުވެ ދިޔަ ހަމަސްދުހު ލިޔުނުހާ ވާހަކަ ތަކަކީ ބޭކާރު ވާހަކަ ތަކެއް. އެއީ ތެދެއް ކަމުގައި ވެއްޖިއްޔާ އެއީ އަހަރެންގެ މޮޔަކަން. އެއީ އަހަންނަށް އެއިން އެސްވެސް ކަމެއް ނޭނގުނީމަ،" ސިޓީގެ ކޯޗު ބުންޏެވެ.
މަންޗިނީ ބުނީ އޭނާ މިވާހާ ދުވަހުވެސް މަސައްކަތް ކުރީ ސީރިއަށް ބަޔާކާ އެކު ކަމަށާއި އަދި އޭނާއަށް ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަ ޖެހޭކަމަށެވެ.