އޭޝިޔަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން އިންތިޒާމްކޮށްގެން މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި ބާއްވާ ސްޕޯޓްސް މެޑިސިން އެންޑް ފިޓްނަސް ކޯހުގައި ބައިވެރިވުމަށްޓަކައި ކުރިކެޓް ބޯޑުގެ ފަރާތުން މާދިހު އިސްމާއީލްއާއި ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން އަހްމަދު މުޢައްމަރު މިރޭ މެލޭޝިޔާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

އޭޝިޔާގެ ގައުމު ތަކަށް ހާއްސަ ކޮށްގެން ބާއްވާ ސްޕޯޓްސް މެޑިސިން ކޯހުގައި ރާއްޖޭގެ އިތުރުން ބައިވެރިވާ ގައުމުތަކަކީ، ސްރީ ލަންކާ، އިންޑިޔާ، ޕާކިސްތާން، ބަނގުލަދޭޝް، ނޭޕާލް، މެލޭޝިޔާ، ސިންގަޕޯ، އޮމާން، ބަހްރެއިން، ސައޫދީ އެރެބިއާ، ކުވެއިތު، ޔޫއޭއީ، ހޮންކޮންގު، އަފްގާނިސްތާން މިއިން ކޮންމެ ގައުމަކުން ދެ ބައިވެރިޔަކާއި، އަދި ތައިލެންޑް، ބޫޓާން، މިޔަންމާ، ޗައިނާ، އީރާން، ޗައިނީޒް ތައިޕޭ، އަދި ތަޖިކިސްތާން މިއިން ކޮންމެ ގައުމަކުން އެއް ބައިވެރިޔަކު ބައިވެރިވާނެއެވެ.

މެލޭޝިޔާގެ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭސީސީ ސްޕޯޓްސް މެޑިސިން ކޯސް 2013ގައި ކިޔަވައި ދެއްވާނީ، ޑރ. ވޭސް ޕައެސްއާއި އޮސްޓްރޭލިޔާ، އިންޑިޔާ އަދި ޕާކިސްތާނުގެ ސްޕޯޓްސް ޑޮކްޓަރުންނާއި ސްޕޯޓްސް މެޑިސިންގެ މާހިރުންނެވެ.