12 May 2013, 14:34
ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ކުރިޔަށް ދިޔަ ޖެމެއިކާ އެތުލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަން (ޖޭއޭއޭއޭ) އޯލްކަމާސް މީޓްގެ 400 މީޓަރު ދުވުމުގެ ދެ ވަނަ ހީޓް ކާމިޔާބުކޮށް މި އިވެންޓްގެ ރާއްޖޭގެ ގައުމީ ރިކޯޑް ހަސަން ސާއިދު މުގުރާލައިފި އެވެ.
ފަސް އެތުލީޓުންނާ އެކު ކުރިޔަށް ދިޔަ މިހީޓް ސާއިދު ކާމިޔާބުކޮށްފައި ވަނީ 48.14 ސިކުންތުންނެވެ. މިއީ ރާއްޖޭގެ 400 މީޓަރު ދުވުމުގެ އައު ރިކޯޑެކެވެ.
މިމީޓްގެ 400 މީޓަރު ދުވުމުގެ ހަތަރު ހީޓްގައި ވާދަކުރި 25 އެތުލީޓުންގެ ޓައިމިން އަށް ބަލާއިރު ސާއިދުގެ ވަގުތު ހިމެނިފައި ވަނީ ތިން ވަނައަށެވެ.
ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރިކޯޑް ކުރިން ހަދާފައި ވަނީ ވެސް ހަސަން ސާއިދު އެވެ. އެރިކޯޑް ސާއިދު ހަދާފައި ވަނީ 2010 ވަނަ އަހަރު ދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގައި ވާދަކޮށް 48.56 ސިކުންތުން ރޭސް ނިންމައިގެންނެވެ.