12 May 2013, 13:56
އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ކަމުގެ ލިޔުމެއް ހޯދުމުގެ ބޭނުމުގައި އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުންގެ ޑިޕާޓްމަންޓަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ވަދެ ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ އެ ޑިޕާޓްމަންޓްގެ ހިދުމަތް ދިނުން މެދުކަނޑާލުމަށް ފަހު މިއަދު އަލުން ހިދުމަތް އަލުން ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކަށީގެ ޑޮކްޓަރުން މިއަދުން ފެށިގެން ޑިއުޓީއަށް ނިކުންނަވަން ފަށައިފައިވާ ކަމަށާއި މިހާރު ނޯމަލް ސެޑިއުލްތަކާ އެއްގޮތަށް އޯޕީޑީން ވެސް ޑޮކްޓަރުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
ކަށީގެ ޑޮކްޓަރުންނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން ވަނީ ފުލުހުންގެ ސެކިއުރިޓީއަށް އެދި ހުށަހެޅުމަށް ނިންމައިފަ އެވެ. އަދި އެކަން މި ހަފްތާތެރޭގައި ހުށަހަޅާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން ވަނީ އެހޮސްޕިޓަލްގެ ކަށީގެ ޑިޕާޓްމަންޓްގެ ތެރެއަށް 10 މީހުންގެ ގްރޫޕަކުން ޑޮކްޓަރުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.